މިއަދު ހެންވޭރު ޕޮލިސް ސްޓޭޝަނަށް އީޝާ އަޝްރަފް ހާޒިރުކޮށްފައިވާއިރު، އޭނާއަށް ދިފާއުގައި ވާހަކަ ދައްކަން ފުލުހުން ފުރުސަތު ނުދޭކަމަށް ވަކީލު ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕޮލިސް ސްޓޭޝަނުން ނިކުމެ، މީޑިއާ އާ ވާހަކަ ދައްކަވަމުން ވަކީލު ޝަމީމް ވިދާޅުވީ ދިފާއުގައި ވާހަކަ ދައްކަން ފުރުސަތަކަށް އެދުމުން ދިފާއުގައި ވާހަކަދައްކަން އެއްވެސް ފުރުސަތެއް ނުދެއްވާކަމަށާއި، ބަޔާނުގައި ވެސް ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދޭކަމަށް ލިޔުއްވިކަމަށެވެ. ޝަމީމް ވިދާޅުވީ އާންމުގޮތެއްގައި ފުލުހުންގެ ތަހުގީގުތަކުގައި ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ދޭގޮތަށް މި މައްސަލާގައި ފުރުސަތެއް ނުދެއެވެ.
މި މައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ އީޝާއަކީ ޕާޕަޓްރޭޓާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ދެން އެހެން މީހުންނަކީ ވިކްޓިމުން ކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. ނަމަވެސް ހަގީގަތް އޮތީ މިއާ އިދިކޮޅަށްކަމަށް ވިދާޅުވެ ޝަމީމް ވަނީ މި މައްސަލައިގައި އީޝާއަކީ "ވިކްޓިމް" ކަމަށާއި، އީޝާ ވިކްޓިމްއަކަށް ވީގޮތުގެ ތަފްސީލު ފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ އީޝާގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރުގައި ކުރިން ތުހުމަތުކޮށްފައި އޮތީ ގާނޫނުގެ 612 އަދި 630 ވަނަ މާއްދާއަށް ކަމަށާއި، ނަމަވެސް އިއްޔެ ތުހުމަތު އިއްވީ 612 ވަނަ މާއްދާއަށް އެކަނި ކަމަށެވެ. ޝަމީމް ވިދާޅުވީ މިއަދު ތުހުމަތު ކުރީ އެހެން ކަމަކަށް ކަމަށާއި، ނަމަވެސް ސަރުކާރުން ފުލުހުންގެ އިދާރާއަށް އެއްވެސް ނުފޫޒެއް ފޯރުވާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
ފުލުހުން ތަހުގީގުކުރަމުންދަނީ މާރިޗު މަހުގެ ފަހުކޮޅު އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލައެވެ. މި މައްސަލަ ފުލުހުން ބަލަމުންދަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާއި 612 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގަޒްފުކުރުމުގެ ކުށުގެ ތުހުމަތުގައެވެ. ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓަރީގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށް ވިދާޅުވެ، އެކަން ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އީޝާ ވަނީ މި ޑޮކިއުމެންޓަރީ ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.
މި ތަހުގީގާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް، އެތަނުގެ ބައެއް އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައެވެ. މީގެ އިތުރުން، އީޝާ އަޝްރަފްގެ އިތުރުން އަދަދު ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހުސައިން ފިޔާޒް މޫސާއާއި އެޑިޓާ ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
