ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދުއެވެ. ސައްތާރު ހުށަހެޅުއްވި ގަރާރުގައި ވަނީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމައްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާއިރު، އަނެކުންގެ ހައްގުތަކަށާ މިނިވަންކަމަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ގަރާރުގައި އޭނާ ހުށަހެޅުއްވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުއެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ކަމަށް ސައްތާރު ވިދާޅުވިއެވެ.

މި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސްކޮށްފައިވާއިރު ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ ޕާޓީތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށާއި އެކަން ހުުއްޓުަވަން ފިޔަަވަޅު އެޅުމުގެ އިތުރުން، އެކަން ތަކުރާރުކުރާ ޕާޓީތައް އުވާލަން ޖެހޭކަމަށެވެ.

މި ގަރާރާއި ގުޅިގެން ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް ޕީއެންސީ މެންބަރުން މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށެެވެ. އަދި (އެ ޕާޓީގެ މެންބަރުންނަކީ) މީގެ ދެތިން އަހަރު ކުރިން މާލޭގެ އެންމެ ބޮޑު މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި އަވަށްޓެރި ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން ކާޓޫނު ހަދައިގެން ޕެރޭޑްކުރި ބައެއްކަމަށް މީކާއީލް ވިދާޅުވިއެވެ. މި ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޕީއެންސީ އިދިކޮޅުގައި އޮތް އިރު ކުރި މުޒާހަރާތައް ވެސް ހުރީ މިހާރު ކުރާ މުޒާހަރާތަކާ އެއްގޮތަށް ކަމަށާއި އޭރުވެސް ގާނޫނުތައް އޮތީ މިހެން ކަމަށެވެ.