މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ސެލްޓަން، މުހައްމަދު ރަޝީދު (49އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 3 ވަނަ ދުވަހު ސިނަމާލެ ފުލެޓް ސަރަޙައްދުގައި ފުލުހުން ހިންގި ހާއްސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ސައިކަލެއް ބަލައިފާސްކުރުމަށްފަހު، ފުލުހުން ވަނީ އެ ދެ ސައިކަލު ޓޯކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސްދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ސަރުކާރާއި ފުލުހުން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.
