ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މުހިންމު 7 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެގެ ދައުވަތަކަށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މިމަހުގެ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތު އޮތީ ދެ ގައުމުގެ ރައީސުންގެ ހާޒިރުގައެވެ.
ދެގައުމުން ބަދަލުކުރި އެއްބަސްވުންތަކުގެ ތަފްސީލު:
- ފަތުރުވެރިކަމުގެ ދާއިރާ: މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
- އަރުޝީފުކުރުމުގެ ދާއިރާ: މި އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ދެ ގައުމުގެ ހާރިޖީ ވަޒީރުންނެވެ.
- ކުޅިވަރާއި ޒުވާނުން ތަރައްގީކުރުން: ރާއްޖޭގެ ފަރާތުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ސުނިލް ކުމާރަ ގަމަގެއެވެ.
- ޓީޗަރުންނާއި ސްކޫލް އިސްވާރުން ތަމްރީނުކުރުން: މިއީ ތައުލީމީ ދާއިރާގެ ފަންނީ ތަރައްގީއަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
- ދިފާއީ ގުޅުން ބަދަހިކުރުން: ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ލަންކާގައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. ލަންކާގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވުޒާރާގެ ސެކްރެޓަރީ އެއާ ވައިސް މާޝަލް (ރިޓަޔާޑް) ސަމްޕަތު ތުޔަކޮންތާއެވެ.
- ދިފާއީ ދާއިރާގެ ތައުލީމާއި ދިރާސާ: މި އެއްބަސްވުމުގައި ސަފީރު މަސްއޫދު އިމާދު ސޮއިކުރެއްވިއިރު، ލަންކާގެ ފަރާތުން ސޮއިކުރެއްވީ ސާ ޖޯން ކޮތެލާވާ ޑިފެންސް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ރިއާ އެޑްމިރަލް އެޗްޖީޔޫ ދައްމިކާ ކުމާރާއެވެ.
- މަތީ ތައުލީމުގެ ފުރުސަތުތައް: ރާއްޖޭގެ ސަފީރު މަސްއޫދު އިމާދާއި ޔުނިވާސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސެލާ ޕްރޮފެސާ އިންދިކާ މަހޭޝް ކަރުނަތިކަލަކެ މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
އެއްބަސްވުންތައް ބަދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ރައީސުން ވަނީ ގުޅިފައިވާ ބަޔާނެއް އިއްވަވާފައެވެ. މި ބަޔާނުގައި ދެ ބޭފުޅުންވެސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ފަހުމުނާމާތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ލާބަ ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
