މި އަހަރުގެ ޖޫން މަހުން ސެޕްޓެމްބަރު މަހާ ދެމެދު ރާއްޖެއަށް އާދަޔާ ހިލާފަށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އާންމު ކުރި މޫސުން ލަފާކުރާ ގޮތުގެ ތަފްސީލީ ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން އެ ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ލަފާކުރުންތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ނިމިދިޔަ އޭޕްރީލް މަހުގެ މޫސުމީ ހާލަތަށާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން އާންމުކޮށް އޮންނާނެ ގޮތަށް ބަލާއިރު، އެންމެ ދަށް ފިނިހޫނުމިނާއި އެންމެ މަތީ ފިނިހޫނުމިން ވެސް އާންމުކޮށް ހުންނަ ވަރަށްވުރެ މަތިވާނެ ކަމަށާއި ހޫނުގަދަ ދުވަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް އަންނަ ބަދަލުތައް މެދުކެނޑުމެއްނެތި މޮނިޓާ ކުރާނެ ޔަގީންކަން ދީފައެވެ. އަދި މޫސުމީ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން، ކޮންމެ މަހަކުވެސް ވާރޭވެހޭނެ މިންވަރާއި ފިނިހޫނުމިނަށް އަންނާނެ ބަދަލުތައް ލަފާކުރާގޮތް އަދާހަމަކުރަމުން ގެންދާނެކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ކުރިއަށް އޮތް މަސްތަކުގައި މޫސުން ގޯސްވެ، ކަނޑުތައް ގަދަވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އާންމު ރައްޔިތުންނާއި ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ކަނޑުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވެ ތިބުމަށާއި، ކަމާބެހޭ ފަރާތްތަކުން ނެރޭ އެލާޓްތަކަށް ސަމާލުކަން ދިނުމަށް އަބަދުވެސް އިރުޝާދުދެއެވެ.
