ރާއްޖޭގައި ޑޮލަރު މާރުކުރުމާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ހާއްސަކޮށްގެން ފުޅާ ދާއިރާއެއްގައި ހިންގަމުން އައި ރާއްޖޭގެ އެންމެ ބޮޑު އެއް ވައިބާ ގުރޫޕް، ބްލޮކްކޮށްފިއެވެ.
'ކަރަަންސީ އެކްސްޗޭންޖް އެމްވީ' ގެ ނަމުގައި ހިންގަމުން އައި މި ގުރޫޕުގައި ގާތްގަޑަކަށް 10،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ. މި ވައިބާ ގުރޫޕުން މިހާރު ފެންނަން ހުރި މެސެޖްގައި ވާ ގޮތުން އެ ގުރޫޕު ބްލޮކްކޮށްފައިވަނީ ވައިބާގެ 'ޕަބްލިކް ކޮންޓެންޓް ގައިޑްލައިންސް'އާ ހިލާފުވެގެންނެވެ.
ކަރަންސީ އެކްސްޗޭންޖް އެމްވީ މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ލައްކަ ބޭރު ފައިސާއެއްގެ މުއާމަލާތް ހިންގަމުން އަންނައިރު، އެ ގުރޫޕުގައި ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކާ އަގާ، ޑޮލަރު ގަންނަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެކަންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ.
މިފަދަ ގްރޫޕްތައް ބަންދުވުމަކީ ސްކޭމްތަކުން ސަލާމަތްވުމަށް އެޅޭ ބާރަކަށް ވެގެންދާއިރު، ވައިބާ ގްރޫޕްތަކުގައި ހިންގާ ބޮޑެތި މުއާމަލާތްތަކަކީ މަނީ ލޯންޑަރިންގް ނުވަތަ ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، ހުއްދަ ނެތި ބޭރު ފައިސާގެ މުއާމަލާތް ކުރުމަކީ ކުށެކެވެ.
