ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު މެންދުރުފަހު ނެރުނު އެލާޓްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ބަދަލުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ މޫސުން ގޯސްވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ގިނަ އަދަދަކަށް ވިދައި ގުގުރާފައިވާއިރު، ހުޅުމާލޭގެ ބައެއް ތަންތަނަށް ހޮނު އެޅުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ.
