ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރަމުންދާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އާދައިގެ ރައްޔިތުމީހާގެ ޖީބަށް އޭގެ ލުޔެއް ނުލިބެއެވެ. ކުލީގެ އަގުތައް އަތްނުފޯރާ ފަށަށް ގޮސް، ކާބޯތަކެތީގެ އަގުތައް ބޮޑުވެ، މުސާރައަށް އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމަކީ މުޅި އިގުތިސާދީ މަންޒަރު ބަނަކޮށްލާ ކަމެކެވެ. މިއީ ހަމައެކަނި ފަގީރުކަމުގެ މައްސަލައެއް ނޫނެވެ؛ މިއީ ވަޒީފާ އަދާކުރާ މެދުފަންތީގެ މީހުންނަށްވެސް ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެއްސޭ މައްސަލައެކެވެ. ދިރިއުޅުމުގެ އަގު އުފުލެމުންދާ މިންވަރަކީ މިއަދު މެދުފަންތިއާއި އާމްދަނީ މަދު އާއިލާތަކަށް އޮތް އެންމެ ބޮޑު ބިރެވެ.

އަތްނުފޯރާ ފަށުގައިވާ މާލޭގެ ކުލި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންގެ އިގުތިސާދީ ލޭނާރު ފިތިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ. 2026 ވަނަ އަހަރާ ހަމައަށް އައިއިރު، މާލޭގެ ކުލީގެ ބާޒާރު އޮތީ އާދައިގެ ރައްޔިތަކަށް އަތްފޯރާ ފަށެއްގައެއް ނޫނެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި އުޅެނީ މަހަކު 20,000 ރުފިޔާއާއި 25,000 ރުފިޔާއާ ދެމެދުގައެވެ. މީގެ އިތުރުން އެޑްވާންސްގެ ގޮތުގައި އެތައް މަހެއްގެ ކުލި އެއްފަހަރާ ދައްކަން ޖެހުމަކީ އާއިލާތައް ދަރަނިވެރިވާ ކަމެކެވެ. މިއީ މެދުފަންތީގެ އާއިލާއަކަށް ލިބޭ ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެކެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފްލެޓްތަކެއް / ފޮޓޯ: އެޗްޑީސީ

ބޯހިޔާވަހިކަމުގެ ޑިމާންޑް އިތުރުވަމުންދާއިރު، ކުލި ކޮންޓްރޯލް ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން، ގޭގޭގެ ވެރިން ކަނޑައަޅާ ކޮންމެ އަގަކަށް ބޯލަނބަން ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ ފްލެޓްތަކުން ވެސް މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީ، އެތަންތަނުގެ ކުލިވެސް އާދައިގެ މީހާއަށް ދެއްކޭ ވަރަށްވުރެ ބޮޑުވުމުންނެވެ.

އާމްދަނީއާއި ހަރަދު ދެކޮޅުނުޖެހުން

މުސާރަ ލިބޭއިރު، އެ ފައިސާކޮޅު ދެކޮޅު ނުޖެހި، އަސާސީ ބޭނުންތައް ފުއްދުމަށް އާއިލާތަކުން އުފުލަންޖެހޭ ތަކުލީފުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ ހަމައެކަނި ތަފާސްހިސާބަކުން ފެންނަ މަންޒަރެއް ނޫނެވެ؛ މިއީ ކޮންމެ ދުވަހަކު ދިވެހި އެތައް އާއިލާއަކުން ތަޖުރިބާކުރަމުންދާ ހިތްދަތި ހަގީގަތެވެ.

ދެމަފިރިން ވަޒީފާ އަދާކުރާ އާއިލާއެއްގައި، ކޮންމެ މީހަކަށް 9,000 އާއި 16,000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނަމަ، އެ އާއިލާއެއްގެ ޖުމްލަ އާމްދަނީ އުޅޭނީ 25,000 ރުފިޔާ ގައެވެ. މިފަދަ އާއިލާއެއްގެ މަހެއްގެ ހަރަދުތަކަށް ބަލާއިރު:

  • އެއްކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް 12,000 ރުފިޔާ
  • ކަރަންޓާއި ފެނަށް 1,000 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލަށް 1,500 ރުފިޔާ
  • ކާބޯތަކެއްޗާއި ދަތުރުފަތުރަށް 7,000 ރުފިޔާ
  • ދެ ކުދިންގެ ތައުލީމާއި, އިންޓަވަލް އަދި ބޭސްފަރުވާއަށް 3,000 ރުފިޔާ

މި ހުރިހާ ހަރަދެއް އެއްކޮށްލުމުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 25,000 ރުފިޔާ ހޭދަވެ، މުސްތަގުބަލަށް ފައިސާ ރައްކާކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ދެން ކުއްލިއަކަށް ސްކޫލްތަކަށް އިތުރު ހަރަދެއް ކުރަން ޖެހިއްޖެ ހާލަތެއްގައި މިޖެހެނީ ކޮންމެވެސް ގާތް ތިމާގެ މީހެއް އަތުން ދަރަންޏަށް ފައިސާ ނަގާށެވެ.

ދެމަފިރިން އެކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާ ކުޑަ އާއިލާއެއްގެ ހާލަތު މިިހެން ހުރިއިރު, ދަރިންނާއެކު މާލޭގައި ދިރިއުޅޭ އެކަނިވެރި މަންމައިން ވެސް ގިނަ ފަހަރަށް މިއުޅެން ޖެހެނީ ލިބޭ އާމްދަނީ އިން ޒަރޫރީ ބޭނުންތައް އެކަނި ފުއްދާލައިގެންނެވެ. ބައްޕައިން ދަރިންނަށް ހަރަދު ދިން ކަމުގައިވީ ނަމަވެސް, މާލެ ސަރަހައްދުގެ ދިރިއުޅުމުގެ އަގު މަތިކަމުން ބޮޑު ކަމެއް ޖެހޭ ހިނދު ބޭންކު ލޯނަށް ބަރޯސާ ވާން މަޖުބޫރުވާ ހާލަތްތައްވެސް މަދެއް ނޫނެވެ.

ދެދަރިންނާއެކު މާލޭގައި ދިރިއުޅެމުންދާ އެކަނިވެރި މަންމައެއްގެ މަހެއްގެ ހަރަދުތަކަށް ބަލާއިރު:

  • 3 ކޮޓަރީގެ އެޕާޓްމެންޓަކުން އެއްކޮޓަރީގެ ކުއްޔަށް 8,000 ރުފިޔާ
  • ކަރަންޓާއި ފެނަށް 1,100 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލަށް 1,000 ރުފިޔާ
  • ކާބޯތަކެއްޗާއި ދަތުރުފަތުރަށް 3,500 ރުފިޔާ
  • ދެ ކުދިންގެ ތައުލީމާއި, އިންޓަވަލް އަދި ބޭސްފަރުވާއަށް 3,500 ރުފިޔާ
  • ބޭންކު ލޯނަށް 2,440 ރުފިޔާ
  • ޖުމްލަ މަހެއްގެ މައްޗަށް ކުރާ ހަރަދު: 19,540
  • ބައްޕަ ދަރިންނަށް ދޭ ހަރަދާއިއެކު މަހެއްގެ މައްޗަށް ޖުމްލަ ޖެހޭ އާމްދަނީ: 20,000
"ކޮންމެ މަހަކު ލިބޭ އާމްދަނީގެ އިތުރުން ކުދިންގެ ބައްޕަ ހަރަދު ކުރަން ދޭ ފައިސާއާއެކީގައި ހަރަދުތައް ކިރިޔާ ހަމަޖެއްސޭ ވަރުވަނީ. ހަރަދުތައް އެހާ ބޮޑުވީމަ އެއްގޮތަކަށް ފައިސާ ރައްކާ ކުރެވޭ ގޮތެެއް ނުވޭ. ބައެއް މީހުން ބުނޭ ކީއްކުރަން ހޭ މާލޭގައި އުޅެނީ.. އަޅުގަނޑަކީ މާލޭ މީހެއް. ވަންނާނެ ތަނެއް ނެތް މީހެއް. މާލޭގައި ގެއެއްވެސް ނެތް. ރާއްޖޭގެ އެއްވެސް ތާކު ވަންނާނެ ގެއެއް ނެތް މީހެއް މީ. ދެން ޖެހޭނީ ކުއްޔަށް ދޯ އުޅެން. ލިބޭ ހާ އާމްދަނީ މި ދަނީ ކުއްޔަށް."
ދެދަރިންނާއެކު މާލޭގައި ދިރިއުޅެމުންދާ އެކަނިވެރި މަންމައެއް

ތޮށިގަނޑު މަތީ ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު މޫދު ދައްކާލަނީ / ފޮޓޯ: ޢާއިޝަތު ޝާޒްލީން | ދަ ޕްރެސް

އާއިލާ ތަކުން މަހެއްގެ މައްޗަށް ކުރާ ހަރަދަށް ބަލާލިއިރު, މާލޭ ސަރަހައްދުގައި އެކަނި ދިރިއުޅޭ ޒުވާނުން މަހެއްގެ މައްޗަށް ކުރަންޖެހޭ ހަރަދަށްވެސް އަލިއަޅުވާލުމަކީ މުހިންމުކަމެކެވެ. އަހަރުމެންނަށް ގިނަ ފަހަރަށް ހީވެފައި އޮންނަނީ އެކަނި ދިރިއުޅޭ ކަމުގަ ވާނަމަ, ކުރަން ޖެހޭ ހަރަދުތައް މަދުވެ ޖީބަށް ވަރަށް ބޮޑުތަން ލުއިވެގެންދާނެކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގެ ދިރިއުޅުމުގެ ހަރަދުތައް މަތިވުމާއި, ތަކެތީގެ އަގުބޮޑުވެ ހޭދަކުރަން ޖެހޭ މިންވަރު އޮންނަނީ އިތުރުވެފައެވެ.

މާލޭގައި އެކަނި ދިރިއުޅެމުންދާ ޒުވާނެއްގެ މަހެއްގެ ހަރަދުތަކަށް ބަލާއިރު:

  • 3 ކޮޓަރީގެ އެޕާޓްމެންޓަކުން އެއްކޮޓަރީގެ ކުއްޔަށް 6,000 ރުފިޔާ
  • ކަރަންޓާއި ފެނަށް 1,000 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލަށް 700 ރުފިޔާ
  • ކާބޯތަކެއްޗާއި ދަތުރުފަތުރަށް 1,500 ރުފިޔާ
  • ބޭންކު ލޯނަށް 3,180 ރުފިޔާ
  • ހުޅުމާލެއިން މާލެއަށް ވަޒީފާއަށް އައުމަށް 2,600 ރުފިޔާ
  • ޖުމްލަ މަހެއްގެ މައްޗަށް ކުރާ ހަރަދު: 14,980
  • މަހެއްގެ މައްޗަށް ޖުމްލަ ޖެހޭ އާމްދަނީ: 15,000

ކޮންމެ މަހެއްގެ މުސާރަ ލިބޭއިރު، އެ ފައިސާކޮޅު ދެކޮޅު ނުޖެހި، އަސާސީ ބޭނުންތައް ފުއްދުމަށް އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑުވެފައިވާއިރު, ހިތްހަމަޖައްސާލުމަށް ކަމެއް ކޮށްލުމަށްވެސް ގިނަފަހަރު އަތުގަ ފައިސާއެއް ނުހުރެއެވެ. ދިރިއުޅުމުގެ އަގުތަކާއެކު ކާބޯތަކެތީގެ އަގުތައް ބާޒާރުގައި އުފުލެމުންދާ ނިސްބަތަށް ބަލާއިރު، އާދައިގެ ކާޑުގެ ބާވަތްތަކާއި ތަރުކާރީ އަދި މޭވާގެ އަގުތައް ވަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އުފުލިފައެވެ. މިއީ އާއިލާތަކުގެ ކެއިންބުއިމުގެ އާދަތަކަށްވެސް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. ދެން އޮތީ ދަރިންގެ އިތުރު ހަރަދުތަކެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގެ އިތުރުން, ޓިއުޝަނަށް ކުރަން ޖެހޭ ހޭދަ އާއި, ސްކޫލުން ގްރެޖުއޭޓް ވާއިރު އިތުރު ހަރަކާތްތަކަށް ކުރަން ޖެހޭ ހަރަދުތައް ހާހުން ހޭދަކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ.

ސްކޫލް ކައިރީ ބެލެނިވެރިންނާއެކު ދަރިވަރުން މަޑުކޮށްލައިގެން / ފޮޓޯ: ދަ ޕްރެސް

ވަޒީފާއިން ލިބޭ މާލީ ރައްކާތެރިކަމެއް ނެތް

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި ވަޒީފާ ނުލިބުމުގެ މައްސަލަ އެހާ ބޮޑެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ، ހަމައެކަނި ވަޒީފާއެއް އޮތުމަކުން މާލީ ރައްކާތެރިކަން ނުލިބޭ ކަމެވެ. ފުރިހަމަ ވަގުތު މަސައްކަތްކޮށްގެން ލިބޭ މުސާރައިން އަސާސީ ބޭނުންތައް ނުފުއްދޭނަމަ، އެ ވަޒީފާއިން ލިބޭ ހަގީގީ މަންފާއެއް ނެތެވެ. ވަޒީފާގެ ބާޒާރު ފުޅާވި ނަމަވެސް، މުސާރައިގެ ކުރިއެރުން ނުލިބޭނަމަ ފަގީރުކަމުގެ ވަޅުގަނޑުން އަރައެއްނުގަނެވޭނެއެވެ.

ވަޒީފާގައި އުޅޭ ގިނަ މީހުންނަށް އަހަރުތަކެއް ވަންދެން އެއް މުސާރައެއްގައި ތިބެން މަޖުބޫރުވެފައިވާއިރު، އިންފްލޭޝަންގެ ސަބަބުން އެ ފައިސާގެ އަގު ދަނީ ވެއްޓެމުންނެވެ. މީގެ ސަބަބުން ދެވަނަ ވަޒީފާއެއް އަދާކުރުމަށް ނުވަތަ އިތުރު ގަޑީގައި މަސައްކަތްކުރުމަށް މީހުންނަށް މަޖުބޫރުވެ، އާއިލާއާއެކު ހޭދަކުރާނެ ވަގުތު ކުޑަވެގެންދެއެވެ. މިއީ ވަޒީފާގައި އުޅޭ މިފަދަ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަންކަމެވެ.

ސިޔާސަތުތަކަށް ބަދަލު ގެނައުން

ސިޔާސީ ގޮތުން ބޮޑެތި ބަދަލުތައް އަންނަމުންދާއިރު ރައްޔިތުންނާ ވަރަށް ގާތުން ރައްޔިތުންގެ އަޑު އަހާ ސިޔާސީ ވެރިން ތިބި ނަމަވެސް، ރައްޔިތުންގެ ޖީބަށް ލުއިވާފަދަ އުސޫލުތައް އެކުލަވާލާ، އެކަންކަން ތަންފީޒު ކުރުމުގަ ބޮޑެތި ލަސްތަކެއް ހުރިކަން ގިނަބަޔަކު ފާހަގަކުރެއެވެ. އަދި މިއާއެކު ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ މަންފާ އާއި ލާބައަށް މަސައްކަތް ކުރާ ސިޔާސީ ފަރާތްތަކަށް، އާންމުންގެ ބަރޯސާ ވަނީ ކުޑަވެފައެވެ.

މިކަމަށް ހައްލެއް ގެނެވޭނީ، ތަކެތީގެ އަގު ހެޔޮކުރުމަށާއި، އާމްދަނީ ކަށަވަރުކުރުމަށާއި، ދިގު މުއްދަތެއްގައި އިގުތިސާދީ ދުޅަހެޔޮކަން ގާއިމުކުރުމަށް އަމާޒުކޮށްގެން އެކުލަވާލާ ހަރުދަނާ ސިޔާސަތުތަކަކުންނެވެ. އެންމެ ކުޑަމިނުން މާލެ ސަރަހައްދުގެ ކުލި ކޮންޓްރޯލްކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށުމަކީ މިވަގުތުން ވަގުތަށް ސަރުކާރުން އަޅަންޖެހޭ މުހިންމު ފިޔަވަޅެވެ.

މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، ވިޔަފާރިވެރިން އިންތިހާއަށް ފައިދާ ނެގުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ސަރުކާރުގެ އިދާރާތަކުން މިކަންކަން ތަންފީޒުކުރުމުގައި ދައްކާ ލަސްކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާ ކަމެކެވެ.

މާލޭގެ ދިރިއުޅުމުގެ އަގުތައް ހުރި ގޮތުން، ވަޒީފާއެއް އޮތުމަކީ މާލީ މިނިވަންކަން ލިބޭ ކަމެއް ނޫނެވެ. ކުލީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، އަދި ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ދިވެހި އާއިލާތަކުގެ މާލީ ހާލަތު ދާނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. މިއީ މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެގެން ހިނގައިދާނެ ފަދަ ނުރައްކާތެރި އިގުތިސާދީ ގޮންޖެހުމެކެވެ.