ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިހާތަނަށް 375 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.
މި މާލީ އެހީތެރިކަމަކީ ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކޮށްފައިވާ ފައިސާއެވެ. އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ އޭޕްރީލް 15 ގެ ނިޔަލަށް ޖުމްލަ 575 ވިޔަފާރިއަކަށް ވަނީ ލޯނުގެ އެހީ ފޯރުކޮށްދީފައެވެ. މި އެހީތެރިކަން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ވިޔަފާރިތަކަށް ވަނީ ލިބިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ އާންމު ވިޔަފާރިތަކަށެވެ. އެ ދާއިރާއަށް 116 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މަސްވެރިކަމުގެ ދާއިރާއަށް 102 މިލިޔަން ރުފިޔާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް 81 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން އުފެއްދުންތެރިކަމަށް 34 މިލިޔަން، ދަތުރުފަތުރަށް 21 މިލިޔަން، ދަނޑުވެރިކަމާއި އައިޓީ ދާއިރާއަށް ކޮންމެ ދާއިރާއަކަށް 6 މިލިޔަން، އަދި އިމާރާތްކުރުމުގެ ދާއިރާއަށް 5 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލުން ވަނީ އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށްޓަކައި މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ސްކީމްތަކެއްވެސް ތައާރަފުކޮށްފައެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދުފަހަރު ހޯދުމަށް ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެސްއެމްއީ ޑިޖިޓަލްއިން ހާއްސަ އިސްކަމެއް ދޭ ކަމެއްކަމަށްވެސް އެ ކުންފުނިން ފާހަަގަކުރެއެވެ.
މިފަދަ ފައިނޭންސިން ފުރުސަތުތަކުގެ ސަބަބުން އާ ހިޔާލުތައް، އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުކުރުމަށް މަގުފަހިވެގެން ދެއެވެ. މިކަމުގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ދަނީ ލިބެމުންނެވެ.
