ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރު ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވާކްޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148،417 ބިދޭސީން ރާއްޖޭގައި އުޅެމުން ދިޔަކަމަށް ހިސާބުތަކުން ދެއްކި ކަމަށެވެ. ނަމަވެސް އެ އެންމެން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަން އޭރު ކަށަވަރު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރަނގި އޮޕަރޭޝަނާ އެކު މިހާރު އެ އަދަދު 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެއާ ހިސާބަށް، ވާކްޕާމިޓް ފީ ނުދައްކާ އޮތް އެކަކުވެސް އެ އަދަދުގެ ތެރޭގައި ނުހިމަނާ ކަމަށާއި އެހެންކަމުން މިއީ ސައްހަކަން 100 ޕަސެންޓް ކަށަވަރު ކޮށްފައިވާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ މޭ މަހުގެ ދެވަނަ ދުވަހަކީ އޮޕަރޭޝަން ކުރަނގީގެ ފޭސް ތިނެއް ފަށާ ދުވަސްކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ އެ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅެމުންދާ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖެއިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކްޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ވިސާގެ ފީ ދައްކަންޖެހޭ ދުވަސް އިނގެން ހުންނާނެކަމަށާއި އެ ދުވަސްތެރޭގައި ވިސާ ފީތައް ދައްކާ، ގަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.