މި ސަރުކާރުގެ އަމާޒަކީ ގޭންގުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަލަށްލުން ނޫންކަމަށާއި، އަމާޒަކީ އެފަދަ ފަރާތްތައް ކުށްތަކުން ސަލާމަތް ކުރުންކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ފަދަ ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް އެފަދަ ދެ ތިން ގުރޫޕެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައުލޫމާތު ޕީޖީ އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ،
އައްޑޫ ހިތަދޫގައި 'ސްކޫޕު' ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަވެސް އަދި ނުނިމޭކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގޭންގުތައް ކަނޑައަޅާ ޖަލަށްލުން ނޫންކަމަށެވެ. ޖިނާއީ ކުށެއްކޮށްފި ނަމަ އެކަމަށް ދޭންޖެހޭ އަދަބު ދޭނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ގޭންގުތަކުގައި ހަރަކާތްތެރިވާ ކުދިން ސަލާމަތްކޮށް އެފަދަ ކުދިން އަބުރުވެރިކަމާއެކު މުޖްތަމައުއަށް އަނބުރާ ގެނައުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި ފާސްކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ކަނޑައަޅާފައި ވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.
