ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ގެ ކަފިހި ހުރަސް ސަރަހައްދުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލުތައް ގެންނަން ނިންމާފައި ވަނީ ޓާމިނަލް 2 ގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޓްރެފިކަށް ބަދަލު އަންނާނީ ކޮންމެ ދުވަހެއްގެވެސް ދަންވަރު 00:00 އިން ފަތިހު 05:00 އާ ހަމައަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޓްރެފިކަށް ގެންނަ މުހިންމު ބަދަލުތަކުގެ ތެރޭގައި:

ޓެކްސީ ދަތުރުތައް: ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރަން ޖެހޭނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓް 1 ނުވަތަ ގޭޓް 2 އަށް. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެ.

އެމްޓީސީސީ ބަސް: އެމްޓީސީސީގެ ބަސްތަކުން ފަސިންޖަރުން ބޭލުމާއި ނެގުމުގެ ހިދުމަތް ދޭނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތުގައި އޮންނަ ސައިކަލް ޕާކިން ސަރަހައްދުގެ ބަސް ހުއްޓިން.

އެމްއޭސީއެލް އިންޓާނަލް ބަސް: އޭޓީސީ އިން އަންނަ އިންޓާނަލް ބަސް ރޫޓް 1 ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް 1 ގެ ޑިޕާޗަރ ގޭޓަށް. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް (ރޫޓް 2) ފަށާނީ ޓާމިނަލް 2 ކުރިމަތީގައި އޮންނަ ބުރު ކައިރިން

މި ބަދަލުތަކުގެ ސަބަބުން އެއާޕޯޓުގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި ބަސް ރޫޓަށް ބަދަލު އަންނާނީ ހަމައެކަނި ކަނޑައަޅާފައިވާ ދަންވަރުގެ ވަގުތުތަކުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކާއި އެއާޕޯޓުގެ ހިދުމަތް ހޯދާ އެންމެހާ ފަރާތްތައް މި ބަދަލުތަކަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.