ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ބިލުގައި ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާ، ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކުން އަދި އެ ތަންތަނުގައި ގާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާ، ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށްފައިވެއެވެ.
އެގޮތުން މި ބިލުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަސައްކަތުގެ ރަސްމީ ވަގުތެއް ނުވަތަ ވަޒީފާގެ މުއާމަލަތަކާ ގުޅިގެން ކަމަށްވާން ނުޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމުގައި އެތަނަކަށް ހާއްސަ ސިޔާސަތެއް އެކުލަވާލަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެފައިވާ މާހައުލަކަށް ހެދުމަށް އެފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ގާނޫނުގެ ދަށުން ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އަންގަންޖެހޭނެއެވެ. އަދި މި ކޮމިޓީގައި މަދުވެގެން 3 މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރެވޭނެ ކަމަށް ބަޔާންކޮށްފައެވެ. އަދި އެ ކޮމިޓީ އެކުލަވާލަންޖެހޭނީ ދެ ޖިންސުގެ މެންބަރުންގެ މައްޗަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެ ކޮމިޓީތަކުން ބަލާ މައްސަލަތަކުގައި ގޮތް ނިންމައި ފިޔަވަޅު އަޅާނަމަ އެކަން ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މައްސަލަ ބަލައި ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ކޮމިޓީއަށް ލިބޭއިރު އިތުރު މުއްދަތެއް ބޭނުންކަމަށް ފެންނަ ނަމަ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގެ ދަށުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިފައިވެއެވެ.
