ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމުގެ އެންމެ އިސް މަގާމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުއްވާފައިވާއިރު، އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ޓްރައިބިއުނަލްގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ފުރުސަތު ނެތުމެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އަމްޖަދު އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 19ގައި ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަމްޖަދު ވަނީ މީގެކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް އަދާކުރައްވާފައެވެ.

އިސްލާމިކް ޔުނާވިސޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ އަމްޖަދު ވަނީ އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަންގެ އިން މާސްޓާސްވެސް ހައްދަވާފައެވެ.