ފުލުހުންގެ އޮޕަރޭޝަނެއްގައި ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ވޭޕާއި އެއާ ގުޅުންހުރި ތަކެތި ފުލުހުން މިއަދު ނައްތާލައިފިއެވެ.

މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. މި ތަކެތީގެ ތެރޭގައި 138 ނެނޯ ކާޓްރިޖާއި، ޑިސްޕޯސަބަލް ވޭޕްގެ އިތުރުން ވޭޕާ ގުޅުންހުރި އެހެނިހެން ސާމާނު ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާޗު މަހު އެކަނިވެސް ވޭޕް އަދި އީ-ސިނގިރޭޓާ ގުޅޭ 20 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކާ ގުޅިގެން ޖުމްލަ 82 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ޖޫރިމަނާގެ ޖުމްލަ އަދަދު 407,000 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޭޕް ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމުގެ އިތުރުން ގާނޫނާ ހިލާފަށް އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވޭޕް ބޭނުންކުރާ މީހުން 5,000 ރުފިޔާއިން، ވިއްކާ މީހުން 20,000 ރުފިޔާއިން އަދި އެތެރެކުރާ މީހުން 50,000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.

މިފަދަ ތަކެތި ސިއްރުން އެތެރެކޮށް ބޮޑު އަގުގައި ވިއްކާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ވައިގެ ބަނދަރުގައި ހާއްސަ ޔުނިޓެއް ގާއިމުކޮށް، ޝައްކުކުރެވޭ ޝިޕްމަންޓްތައް ބަލައިފާސްކުރުމުގެ މަސައްކަތް މިހާރު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި އަދި ވިއްކުން މުޅިން މަނާކުރުމަށް ނިންމާފައެވެ. މިއީ ޒުވާނުންނާއި ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.