އޭއައި ބިލެއް ވަރަށް އަވަަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' ގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާ ކުރި ސުވާލުގައި ބުނީ، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މި ޒަމާނުގަ އާޓިފިޝަން އިންޓެލިޖެންސް ނުވަތަ އޭއައި މީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވި ސްޕީޑްގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއަށް ވީއިރު، އޭއައިގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، މީހުންގެ އަގުވައްޓާލުމާ، ގަނާކޮށް ފުރައްސާ ކުރުމަށް މަގުފަހިވާ ކަންކަން ވެސް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން ރާއްޖެ 2.0 ގެ މިސްރާބު ޒަމާނީ ޓެކްނޮލޮޖީ އާ ވަރަށް ގާތަށް ދާއިރު، ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގަ ހިފުން ގިނަވުމަކީ ވަރަށް ކަންބޮޑުވުން ހުރި ކަމެއް ކަމަށާއި ރާއްޖޭގައި އޭއައި ކޮންޓްރޯލް ކުރުމަށް ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު ދަށްކުރުމަށް ގަވާއިދެއް ނުވަތަ ގާނޫނެއް އެކުލާވަލަން ނިންމާފައިވޭތޯ ނޫސްވެރިއާ ވަނީ އަހާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިއަހަރު ތެރޭ ރާއްޖެ 2.0 ގެ ދަށޫން ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ހުށަހަޅަން ނިންމަވާފައިވާ ކަން ރިޔާސީ ބަޔާން އިއްވި ދުވަހު ވެސް އިއުލާން ކުރައްވާފައިވާ ކަމަށެވެ. އެ ތިން ބިލު ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އަދި އޭއައި ބިލެއް ވެސް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭއައި ބިލު ހުށަހަޅާނީ މިއަހަރު މަޖިލީހަށް ހުށަހަޅާ ބިލުގެ ތެރޭގައި ހިމަނައިގެން ނުވަތަ އިތުރު ބިލެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ބިލު މަޖިލީހަށް އަވަހަށް ހުށަހަޅައިގެން ކުރިއަށް ދާނެ ކަމަށާއި، ޓެކްނޮލޮޖީގެ އެންމެ ކުރީގައި ތިބެން ޖެހޭ ކަމަށް ވާނަމަ އޭއައި ބޭނުން ކުރަން ޖެހޭ ކަމަށާއި، އޭއައި އަކީ ގާނޫނީ ނިޒާމުގެ ތެރެއިން ވަދެގެންދާ ކަމަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 'ދަ ޕްރެސް' އިން ދެވަނައަށް ކުރި ސުވާލުގައި ވަނީ، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ އުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކާ ހުރެ ގާނޫނީ އިމުގެ ތެރެއިން ސޯޝަލް މީޑިއާ ވަކި އުމުރު ފުރައަކަށް މަނާކުރަން އެއްވެސް ވިސްނުމެއް ގެންގުޅުއްވާތޯ އަހާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ތިއީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ތި ކަމުގައި އާންމުންގެ ހިޔާލު ހޯދަން މުހިއްމު ކަމެއް ކަމަށާއި މިއީ އެންމެން ވެސް މަޝްވަރާކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
