ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދިފަހުން ގެންނެވި ބޮޑެތި ބަދަލުތަކާ ގުޅިގެން އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި މައްސަލަ ފޮނުވާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. މި ކޮމިޓީން އަލަށް އައްޔަންކުރެއްވި ވަޒީރުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، އެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރާނެއެވެ. އަދި ކޮމިޓީ މަރުހަލާގައި ވަޒީރުންގެ ތައުލީމީ ފެންވަރާއި، ތަޖުރިބާއާއި، އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ބަލާނެއެވެ.
މީގެ ތެރޭގައި އެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށެއް އޮތްތޯއާއި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްތޯ ބެލުން ހިމެނެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ކެބިނެޓަށް ގެނައި ބޮޑު ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހަށް 5 އައު ވަޒީރަކު އައްޔަން ކުރައްވާފައިވާއިރު ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނި ވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ.
