ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް މިވަގުތު ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ގެންނަން އުޅުނު އިސްލާހާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ފުރިހަމައަށް އިހްތިރާމްކުރައްވާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު އިސްލާހެއް ގާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމާއި މަޖިލީހުގެ ވަކި ޕަސެންޓެއް އަންހެނުންނާ، ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނަށް ގެންނަން ރާވާފައިވާ އިސްލާހުތައް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި މިއަދާ ހަމައަށް ގާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު އިސްލާހުތަކެއް ކަމަށެވެ.
