ރާއްޖެއަށް މިއަދު ދެ ފަސިންޖަރު ލައިނެއް އައިސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ، މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ ތައިލެންޑުގެ ޕުކެޓުން ފުރައިގެން އައި "ޕީވީ ނޯވީޖިއަން ސަން" އާއި އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި "ޕީވީ އަޒަމާރާ އޮންވާޑް" އެވެ. މި ދެ އުޅަނދު ރާއްޖެއަށް ވަނުމަށް ބޭނުންވާ "އިންވާޑް ކްލިއަރެންސް" ކަސްޓަމްސްއިން ވަނީ ދީފައެވެ.

ތައިލެންޑުން އައި "ޕީވީ ނޯވީޖިއަން ސަން" އަކީ ބޮޑު ފަސިންޖަރު ބޯޓެކެވެ. މި ބޯޓުގައި ޖުމްލަ 1,816 ފަސިންޖަރުންނާއި 902 ފަޅުވެރިން ތިބި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އިންޑިއާގެ ކޮޗިން އިން އައި "ޕީވީ އަޒަމާރާ އޮންވާޑް" ގައި 583 ފަސިންޖަރުންނާއި 388 ފަޅުވެރިން ތިއްބެވެ.

އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި "ޕީވީ އަޒަމާރާ އޮންވާޑް"

މި ދެ އުޅަނދުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

މި ކްރޫޒް ލައިނާތަކުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ސަރަޙައްދުގައި ހިންގާ ރެސްޓޯރެންޓްތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތައް ފަދަ ވިޔަފާރިތަކަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އެއާއެކު ރާއްޖޭގެ އިގްތިސާދު ހަރުދަނާވުމުގެ އިތުރުން، ބޭރުގެ ރިޒާވް އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.