މާލޭގެ މަގެއް މަތީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އޭނާއަށް ހަމަލާދީފައި ވަނީ މާލޭގެ ކަރަންކާ މަގުގައި ހުއްޓައެވެ. މި ހަމަލާގެ ސަބަބުން އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
