އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގާފައިވާކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 13:10 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ފަހަކަށް އައިސް ދަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ.