އޭނާގެ ހަޔާތުގައި ދިމާވަމުން ދިޔަ ކަންތައްތައް ހޫދާ ހިއްސާކުރަން ބޭނުންވިއެވެ. ނަމަވެސް އެއިން ވާހަކައެއް ދައްކަންވެސް އޭނާ ޖެހިލުންވިއެވެ. އޭނާގެ ހަނދާނަށް އައީ އެއްރޭ ނިދީގައި އޮވެ ޝާޔާ ތެދުވެ ޖެއްސި ވައްތަރުތަކެވެ. ޝާޔާއަށް ހޭލެވުމުން އެ ތުއްތު ކުއްޖާ ދިން އިންޒާރުގެ ބަސްތަކެވެ. "އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ބައުކަލޯ ބުނީ މަންމަ ގެންދާނަމޯ..."

ފޯނަށް ވާހަކަ ދައްކަން ހުރި ހޫދު ފޯނު ބާއްވަމުން ޝީންއާ ދިމާއަށް އެނބުރިލީއި އެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ.. ޝީން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށްފަހު ރިޔާޒްބެގެ ފޯނު ކޯލު ނަގަން ޖެހުމުން ހޫދު އެކަމާ ވަރަށް ދެރަވިއެވެ. "ވަރަށް ބޮޑަށް ސޮރީ.. އަހަރެން ކުއްލިއަކަށް ބޭރަށް ދާން ޖެހިއްޖެ.. މުހިއްމު ކަމެއް ނޫންނަމަ އަހަރެން މިތާ މަޑުކުރީމުސް..."

ވެގެންއުޅޭގޮތް ކިޔައިދޭން އޭނާ ފަސްޖެހުނެވެ. ކުރުގޮތަކަށް ބިޒީވީ ކަމަށްބުނެ ޝީން އެތަނުން ފޮނުވާލަން އޭނާ މަސައްކަތްކުރީ ރިޔާޒްމެން އެގެ ކައިރިއަށް އައުމުން އޭނާއަށް ނުކުންނަން ޖެހުނީމައެވެ. ނޭފަތް ދަމާލަމުން ޝީން ތެދުވެ ޓިޝޫކޮޅަކުން މޫނު ފޮހެލިއެވެ. "އޯކޭވާނެ.. އެހެން ގަޑިއަކުން އަންނާނަން... ދެން އަހަރެން ގޮސްލީ... ފްރީވީމަ ގުޅައްޗޭ"

ޝީން ކޮޓަރިން ނުކުމެގެން ދިޔަ ދިމާއަށް ބަލަން ހުރި ހޫދު ފޯނު ނަގާ ނަންބަރަކަށް ޑައަލްކޮށްލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ.

*** *** *** *** *** ***

އިރުއޮއްސި އަނދިރިވަމުން އައި ވަގުތު މަންޝާ އިނީ ގޮނޑުދޮށުގައި އިށީނދެލައިގެން އުދަރެހުގައި ކުރެހެމުންދިޔަ ރަތްވިލާގެ ހިތްގައިމު މަންޒަރަށް ބަލަން ގެއްލިފައެވެ. މުޅި ދުވަހު އޭނާއަށް އުނދަގޫ ކުރަމުންދިޔަ ހަސަންބެގެ ހަނދާންތަކުން ދުރަށްދާން އެތައް މަސައްކަތެއް ކުރިއެވެ. ހިތްހަމަޖެހުމުގެ ވަގުތުކޮޅެއް އޭނާއަށް ލިބޭ ވަރުވީ އިރުއޮއްސެމުން ދިޔަ ރީތި މަންޒަރުން އޭނާގެ ހިތަށް ލިބުނު ކުޑަ ނަމަވެސް ހަމަޖެހުމެވެ.

ބޯ އަރިކޮށްލަމުން ފަހަތަށް މަންޝާ ބަލާލީ ކައިރީ މީހަކު ހުރިކަމުގެ އިހްސާސެއް ކުރެވުމުންނެވެ. ހުސް ކަޅުކުލައިގެ ހެދުމުގައި ފެންނަ ކިޝަންގެ މޫނުމަތި މިލާފައިވާކަން މަންޝާއަށް ފާހަގަވިއެވެ. ފަސްގަނޑުމަތީ އަތްތިލަ ޖައްސާލަމުން އޭނާ ގާތުގައި އިށީންނާށޭ މަންޝާ ބުނެލިއެވެ.

ތިން ދުވަސްވަންދެން ރޫފަސްކުރި މަސައްކަތް ބޭކާރުވީއެވެ. މަންޝާގެ ދިރިއުޅުމަށް ގޯނާ ކުރަމުންދާ ހަސަންބެ އޭނާއަށް ސިފަވުމުން އެ މީހާގަނޑުގެ ދުވަސް ދުއްވާލަން ބޭނުންވީއެވެ. މުޅި ދުނިޔޭގައި އަތްފުނާ އަޅާ ހަސަންބެ ހޯދަން އޭނާ ކުރި މަސައްކަތް ވީ ބޭކާރެވެ. އޭނާއަށް ގޮސް ހުއްޓެވުނީ ހަސަންބެގެ ހަށިގަނޑު ވަޅުލާފައިވާ ސަހަރާ ކައިރިއަށެވެ. ފޫ ނެއްފަޔަށް ފެންފުރުމުން އޭނާގެ ހިތަށާ ސިކުނޑިއަށް ވަނީ އުނދަގޫތަކެއްކޮށްފައެވެ.

"ނުފެނި ފިލައިގެން ތިއުޅެނީޔޯ!... އަހަރެންމަތިން މިސްވެސް ނުވޭތަ..." އެ ސޫރަ ފެނުމުން މަންޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނުފެނި އެތައް ދުވަސްތަކެއްވެފައި ވާތީ މަންޝާ އިނީ ޝާކުވާކޮށްލަން ބޭނުންވެފައެވެ.

މަންޝާ ގާތުގައި ރޫފަސް އިށީންނަމުން އުދަރެހަށް ނަޒަރު ހުސްކޮށްލިއެވެ. މަޑުމަޑުން މަންޝާގެ އަތުގައި އޭނާ ހިފާލިއެވެ. ހަސަންބެގެ ތުރާލުން މަންޝާ ސަލާމަތްވެފައިވާތީ އެކަމާ އެނާ އުފާކުރިއެވެ. އަދިވެސް ރޫފަސްއަށް އޮޅުން ނުފިލާ ކަންތައްތަނެއްވާ ކަމަށް އޭނާ ގަބޫލުކުރެއެވެ. މަންޝާގެ ހަޔާތާ ބެހޭ މައުލޫމާތު އޭނާއަށް ހޯދަން އެހާ އުނދަގޫވާން ޖެހޭ ސަބަބުތަކެއް ނޭނގެއެވެ. މަންޝާއަކީ އެހެން އިންސާނުންނާ ތަފާތު މީހަކީ ހެއްޔެވެ. މަންޝާގެ ހަޔާތުގައި ހިނގާފައިވާ ކަންތައްތައް ދެނެގަންނަ އޭނާއަށް ޖެހެނީ މަންޝާގެ ސިކުނޑިއަށް ބާރު ފޯރުވައިގެން ހަޔާތުގެ ބޮޑެތި ހާދިޘާތައް ހިނގާފައިވާ ދުވަސްތައް ދެނެގަންނާށެވެ.

މަންޝާގެ ވިސްނުމަށް މާޒީގެ ހިތި ދުވަސްތަކެއް އުނދަގޫ ކުރާތާ ދެތިން ދުވަސްވީއެވެ. އެއިންކަމެއް މީހަކާ ހިއްސާ ނުކޮށް ހުރެ ވިސްނާ ފިކުރު ކުރުމުގެ ސަބަބުން އޭނާގެ ބޮލަށްވަނީ ބަރުވެފައެވެ. ރޫފަސްގެ ކޮނޑުމަތީ ބޯ އަޅާލަމުން އޭނާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. މޫދުގެ ލޮނުގަނޑުގައި ބީހިލާފައި އަންނަ ވައިރޯޅިތަކުން މަންޝާގެ ހަށިގަނޑަށް ފިނިކަމެއް އިހްސާސްކުރެވުނެވެ. ގޮނިވެލަމުން އިތުރަށް ރޫފަސްގެ ހަށިގަނޑާ އޭނާ ގާތްވެލީ އެހަށިގަނޑުން މަންޝާއަށް އިހްސާސްވަމުން ދިޔަ ހޫނުކަމުންނެވެ.

ފުރުސަތުގެ ބޭނުންހިފަން ދަނޑިވަޅަކަށް ބަލަބަލާއިން ރޫފަސްއަށް މީ ރަނުގެ ފުރުސަތެވެ. މަޑުމަޑުން މަންޝާގެ ނިތްކުރީގައި އޭނާ ފިރުމާލިއެވެ. ބޮލުގެ އިސްތަށިތަކާ ކުޅެލިއެވެ. ދެލޮލަށް ބަރުވަމުން ދިޔަ މަންޝާގެ ލޯ މަރާލަމުން ހަށިފުރާ ފުން ނޭވާއެއް އެތެރެކޮށްލިއެވެ. ރޫފަސް ތުންތަޅުވާލަމުން ދެލޯ މަރާލީ މަންޝާގެ ނިތްކުރީގައި އޭނާގެ އަތްތިލަ ބާއްވާލަމުންނެވެ.

*** *** *** *** *** ***

ދެލޯ މަރައިގެން އޮތް މަންޝާއަށް ލޯ ހުޅުވުނީ އޭނާގެ މޫނަށް ފިނިކަމެއް އިހްސާސް ވުމުންނެވެ. ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު މޫނުގައި ޖެހުނު ފެންތިކިތައް ފޮހެލަން އަތް އުފުލާލަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ އަތެއް ނުނެގުނެވެ. ދެލޯ ތަންމިނަށް ހުޅުވާލަމުން އަތާ ދިމާއަށް ބަލާލެވުނީ އެވަގުތެވެ. މަންޝާގެ އަތް އޮތީ ދަގަނޑު އެނދެއްގެ އަރިމަތީ ހޮޅުދަނޑިއާއި އެކު ވާގަނޑެއްގެ އެހީގައި އައްސާފައެވެ. ގައިމަތީގައި އަޅާފައި ހުދުކުލައިގެ ފޮތިގަނޑު ވަޔާއެކީ ވިހުރިލި ނަމަވެސް ގައިމަތިން ކައްސާލައިގެންނެއް ނުދެއެވެ. ބިރުވެރިކަމެއް މަންޝާގެ ހިތަށް ވެރިވީ އެތަނަކީ އޭނާ ދުވަހަކުވެސް އައިސްފައިވާ ތަނަކަށް ނުވާތީއެވެ.

އުޑުމަތި ހާސާކޮށް ފެންނަން އޮތް ތަނެކެވެ. މަންޝާގެ ބޮލާ ދިމާލުން މަތީގައި ފެންނަން ހުރި ފުރިހަމަ ރީތި ހަނދެކެވެ. އުޑުމަތި ސާފުރެއެއްކަމަކު ވައިގަދަވަމުން ދިޔައީ އެރޭގެ ތޫފާނީ އޮއެވަރުގެ ކުލަތައް ދައްކަމުންނެވެ. ގައިން ނަގަމުން ދިޔަ ތޫނުތަދާއި ދަށްބަނޑަށް ބާރުވަމުން ދިޔައެވެ.

"މަންމާ.... އަހަރެންނަށް ތަދުވޭ... އައްދޯއި...."

އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން މަންޝާ ދިޔައީ އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންވަރަށް ކެތްނުކުރެވިގެންނެވެ. އެވަގުތު މަންޝާގެ ސިކުނޑިތެރޭ އެނބުރިގަތީ އަޒީމްގެ އަޑެވެ. އަޒީމްގެ އަނގައިން ނުކުތް ވިހަ ބަސްތަކެވެ.

"ކައިވެންޏަށް އެހާ ދުވަސްވީއިރު އަހަރެންވެސް ހުރީ މަންޝާދެކެ ފޫހިވެފަ... ދަރިއަކު ހޯދަން މަސައްކަތް ކޮށްކޮށް މި ދިރިއުޅުން ދެކެ ފޫހިވެ ވަރުބަލި ވެއްޖެ... ދެން އެހެން ކައިވެންޏެއް ކުރުން ގޮތެއް ނެތީމަ އަހަރެން މިހެން އުޅުނީ... އެޚިޔާލު އަހަރެންގެ ބަދަލުވީ މަންޝާ ބަނޑުބޮޑުކަން އެނގުނު ހިސާބުން..."

ކަރުބުޑުން މަންޝާ ހަޅޭއްލަވައިގަތީ އޭނާގެ ބަޑާއި އުނަގާނޑުގައި އުފެދެމުން ދިޔަ ރިހުންގަނޑު ގަދަވާން ފެށުމުންނެވެ. ކައިރީގައި މީހަކު ހުރިތޯ ބަލާލީ މަދަދަށް އެދި ދެ އަތް މޮހެދިނުމަށް އެދޭށެވެ. އެހެން ނަމަވެސް އެތާކު އޭނާ ފިޔަވާ އިތުރު މީހަކު ނެތެވެ.

ރޮމުން ހަޅޭއްލަވަމުން ދިޔަ މަންޝާއަށް ތަފާތުކަމެއް ފާހަގަވީ އެތަނަށް އަނދިރިވަމުން ދިޔަކަން މޭރުވުމުންނެވެ. އުޑުމައްޗާ ދިމާއަށް އޭނާއަށް ބަލާލެވުނީ ވިއްސާރަވަމުން ދިޔައީހެން ހީވުމުންނެވެ. ނަމަވެސް އުޑުމަތިން ވިއްސާރަވިލާކޮޅެއްގެ އަސަރުވެސް ފެންނާކަށް ނެތެވެ. އޭރު ފެނުނު ފުރިހަމަ ހަނދުގެ ބައެއް ފޮރުވެމުން ދިޔަކަން އެނގުމުން މަންޝާގެ ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ. އާޝޯޚްވެފައި އެމަންޒަރަށް ބަލަން މަންޝާ އޮތެވެ. ފުރިހަމަ ކޭތައެއް ހިފުމާއެކީ މުޅިތަނަށް ވެރިވި އަނދިކަމުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ. މަންޝާގެ ބަނޑަށް އެރި ތޫނު ތަދަށް ކެތްނުވެގެން އަނެއްކާވެސް ރޮވެގަނެވުނެވެ.

*** *** *** *** *** ***

"އައްދޯއި... ވަރަށް ތަދުވޭ.... މަންމާ....."

ވޭނީ އަޑެއް ކަންފަތުގައި ޖެހުމުން ރޫފަސްގެ އަތް މަންޝާގެ ނިތްކުރިމަތިން ނެގިއެވެ. ބަނޑުގައި އަތްއަޅާއިގެން ކުރުވަމުން ދިޔަ މަންޝާ އުޅުނީ ބަނޑަށް ތަދުވާތީކަން އޭނާއަށް އެނގުނެވެ. މަންޝާއަށް ދެބުރަކަށް ގޮވާލުމުންވެސް އޭނާއަށް ހޭވެރިކަމެއްވީހެނެއް ހިއެއްނުވެއެވެ. ރޫފަސް ކަންބޮޑުވިއެވެ. ހަދާނެގޮތް އޭނާއަށް ހުސްވިކަހަލައެވެ. މަންޝާއަށް ވަމުންދަނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަކަށް ނުވިސްނުނެވެ. މަންޝާގެ މޫނުގައި ހިފާ ފިރުމާލަމުން ރޫފަސް ގޮވާލީ ނުހަނު ލޯތްބާއެކީގައެވެ. "މަންޝާ.... ކިހިނެއްތަވަނީ..."

ހެއިޖެހި ދެލޯ ހުޅުވާލަމުން ރޫފަސްގެ މޫނަށް އޭނާ ބަލާލީ ބަލިކަށި ގޮތަކަށެވެ. "އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ... މީ އަހަރެންގެ ފުރާނަ.. މި ކުއްޖާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ... މިތާ އިތުރު ބައެއްވެސް ނެތް.. އަހަރެން ވިހަން ކައިރިވެއްޖެ... ޕްލީސް.. ވަރަށް ބޮޑަށް ތަދުވޭ..."

ވާހަކަ ދައްކަދައްކަ އޮތް މަންޝާގެ ހެއަށް ގޮތްވެ ދެލޯ މެރުނެވެ. މަންޝާގެ ސިކުނޑިއަށް ބާރު ފޯރުވައިގެން ރޫފަސްއަށް ފެނުނު މަންޒަރުތަކުން އޭނާއަށް ފަހުމްވީ މަންޝާއަށް ކުއްޖަކު ލިބުނުކަމެވެ. އެކުއްޖާ ވިހެއި ދުވަހު އޭނާއަށް އެއްވެސް މީހަކު އަޅާ ނުލީ ކީއްވެ ހެއްޔެވެ. މަންޝާގެ މޫނާ ދިމާއަށް ބަލަމުން ދިޔަ އިރު އޭނާގެ ހިތުގައި ރިހުމެއް އުފެދިފައިވާކަން ދޭހަވެއެވެ. މަންޝާގެ ދުލުން ނުކުތް ބަސްތައް އޭނާގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ.

މަންޝާ އެދުނު ފަދައިން އޭނާގެ ދަރިފުޅު ހޯދުމަށް ރޫފަސް އަޒުމް ކަނޑައެޅިއެވެ. މަންޝާގެ ފަރާތުން އިތުރު މައުލޫމާތެއް ލިބިގެން ނޫނީ ރޫފަސްއަށް އ ކުއްޖާ ހޯދައެއް ނުދެވޭނެ ކަން އެނގެއެވެ. މިވަގުތު މަންޝާގެ ހަށިގަނޑު ބަލިކަށިވެފައިވުމުން އިތުރުކަމެއް ހޯދަން މަސައްކަތް ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަން އޭނާ ގަބޫލުކުރެއެވެ.

މަންޝާގެ މޫނަށް ބަލަން އިން ރޫފަސް އޭނާ ގޮވައިގެން ގެއަށް ދާން ނިންމިއެވެ. މަންޝާގެ ހަށިގަނޑު އަތް ދަނޑިމައްޗަށް ލައިގެން ފަސްގަނޑުމަތިން ތެދުވެ ދެފަރާތަށް ރޫފަސް ބަލާލިއެވެ. ވަރެއް ނެތް ދެއަތްވަނީ ދެފަރާތަށް ވެއްޓިފައެވެ. ކަނދުރާގައި ވަރެއް ނެތުމުން ކަރުމައްޗަށް ޖެހި އެލިފައި އޮތް އިރު މަންޝާ ހީވަނީ މަރުވެފައި އޮތް މައްޔިތެއް ހެންނެވެ.

ރޫފަސްގެ ސިފަ ބަދަލުވެގެން ދިޔައިރު އޭނާގެ ފިޔަގަނޑު ދަމާލިއެވެ. މަންޝާގެ ގައިގާ ހިފާ ބައްދާލަމުން ފިޔަގަނޑު ޖަހާލިއެވެ. ދެމީހުން އެކީގައި ފަޒާގެތެރެއަށް އުދުއްސައިގަތީ އުދުއްސައިގަތީ މަންޝާމެން ގެއާ ދިމާއަށެވެ.

*** *** *** *** *** ***

ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަބަލާލަ އިން ނައުރީންގެ މޫނުމަތިން ހާސްކަމުގެ ކުލަތައް ފާޅުވަމުންދިޔައެވެ. ސިކުންތު ކަށި ދައުރުކުރަމުން ދިޔަ ތަން ބަލަން އިންއިރު އޭނާ އިނީ ވަގުތެއް އައިސް ޖެހޭނެ އިރެއްގެ އިންތިޒާރުގައެވެ. ހާސްވެފައި އިން ނައުރީނަށް ސިހުމެއް ލިބުނީ އެކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަތް އަޒީމް ފެނުމުންނެވެ. އެހެން ރޭރޭ ގެއަށް ލަހުން އަންނަ އަޒީމް އެހާ އަވަހަށް އައުމުން ނައުރީން ކަންބޮޑުވިއެވެ. މިރޭގެ ޕްލޭން ނާކާމިޔާބުވެ އަނެއްކާ އެ ފުރޭތަ ކައިރިއަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ކޮބާ ޝާޔާ؟.. ނިދީތަ؟" ގަމީހުގެ ގޮށްތައް ނައްޓުވަމުން އަޒީމް އައިސް އަލަމާރި ކައިރިއަށް ހުއްޓެމަށްފަހު ސުވާލުކޮށްލީ ދެލޯ ބޮޑުކޮށްގެން އޭނާއާ ދިމާއަށް ބަލަން އިން ނައުރީނާ މުޚާތަބުކޮށްފައެވެ.

"ކުދިން ނިދައިފި... ދެން ނިދަން އޮށޯންނަންވީ.. އަޒީމް ކާނަންތަ؟.." އަލަމާރި ތެރެއިން ކޮނޑެއް ނަގާ އަޒީމް ދިއްކުރި ގަމީސް ކޮނޑުގައި އަޅުވަމުން ނައުރީން ވާހަކަ ދެއްކީ ދެން ހަދާނެގޮތަކާ ދޭތެރޭ ވިސްނަމުންނެވެ.

"މިއައީ ކައިގެން.. ރިޔާޒްމެން މިކޮޅަށް އައިސި.. އެހެންވެ އެމީހުންނާއެކީ ކޮފީއަކަށް އަރާފަ މިއައީ... ވަރަށް ވަރުބަލިވާ ދުވަހެއް.. އަހަރެން ބޭނުމީ ނިދާލަން..." ނިދަންލާ ސޯޓުބުރި މަހާލަމުން އަޒީމްގެ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ޑްރެސިންގް ޓޭބަލްމަތީ ބޭއްވިއެވެ. އެއަށްފަހު އެނދުގައި އޮށޯވެ އަލަމާރި ކައިރީ ކޮޅަށް ހުރި ނައުރީނަށް ގޮވާލިއެވެ.

ސިހިފައި އަޒީމާ ދިމާއަށް ނައުރީން ބަލާލުމަށްފަހު ގަޑިއަށް ބަލާލިއެވެ. މަޑުމަޑުން އައިސް އެނދުގައި އޮށޯވެ ނިތްކުރިއަށް އަތް ވައްޓާލިއެވެ. ކައިރީ އޮތް އަޒީމް އަނެއް ފަރާތަށް އެނބުރި ބާލީހެއްގައި ބައްދާލުމުން ނައުރީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދޭތެރެއަކުން ބޯ ހިއްލާލާ ގަޑިން ވީއިރު އޭނާ ބަލަމުން ދިޔައީ އެހެން އޮވެ ނިދިދާނެތީއެވެ. ގަޑިން ބާރަޖަހަން ގާތްވި ވަރަކަށް ނައުރީންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ.

އިރުކޮޅަކު އެހެން އޮތުމަށްފަހު ނައުރީން އެނދުމަތިން މަޑުމަޑުން ތެދުވީ އަޒީމް ނޯއްދަމާ އަޑު އިވުމުންނެވެ. އޭނާއަށް ގަދައަށް ނިދުނީކަން ނައުރީން ކަށަވަރުކޮށްލަން އަޒީމްގެ ބުރަކަށީގައި އަތްޖައްސާލިއެވެ. ކުޑަކޮށް އަޒީމްގެ ގައިގާ ހިފާ ތަޅުވާލަމުން ވައިއަޑުން އަޒީމަށް ގޮވާލިއެވެ. ފުން ނިންޖަކުން ނިދާފައި އޮތް އަޒީމަށް މީހަކު ގޮވާކަންވެސް ނޭނގޭ ކަހަލައެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ނައުރީން އަލަމާރީގެ ދޮރުފަތް މަޑުމަޑުން ހުޅުވާލިއެވެ. ވަށް ބުރުގާއެއް ނަގާ ބޮލަށް މަހާލުމަށްފަހު ކޮޓަރި ނުކުންނަން އޭނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

ތަނޅުގައި ހިފާ މަޑުމަޑުން އަނބުރާލީ ތަޅު ނެއްޓޭ އަޑު ނީވޭނެހެންނެވެ. ދޮރުން ބޭރަށް ނުކުމެ ކޮޓަރިތެރެއަށް ފަހުފަހަރަށް ނައުރީން ބަލާލީ އަޒީމް އޮތް ގޮތެއް ޔަގީންކޮށްލާށެވެ. ބޮލުގައި އަޅާފައިވާ ބުރުގަލުގެ މަތިން އަތް ޖައްސާލަމުން ފަހަތަށް ބުރުގާ ދަމާލީ މޫނުމައްޗަށް ބުރުގާ ސޮހެމުން ދާތީއެވެ. ކޮޓަރީގެ ދޮރު ލައްޕާލި އިރު ނައުރީން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

*** *** *** *** *** ***

ބޯމަތިން އުދުހިފައި ދިޔަ ކާޅުތަކާ ދިމާއަށް ބަލަން އިން ހޫދަށް ހައިރާންކަމެއް ލިބުނެވެ. އެކާޅުތަކުގެ މަންޒިލް ދެނެގަންނަން ބޭނުންވެފައި އިނުމުން އޭއްޗެތީގެ ފަހަތުން އަނދިރި މަގުތަކުން ސައިކަލު ދުއްވަމުން ދިޔައީ ރަށުގެ ދެކުނު ފަރާތަށެވެ. ތާރު އަޅާފައިވާ މަގުގެ އެންމެ ކޮޅަށެ ދުވުނު އިރުވެސް އޭއްޗެތީގެ މަންޒިލަކަށް ނާދެވުނެވެ. ހޫދު ހުއްޓުމެއްނެތި އަޑިގުނޑަންތައް ވާ މަގުތަކުން ސައިކަލު ދުއްވަމުން ދިޔައީ އޭގެ ސްޕީޑް މަޑުކޮށްލަމުންނެވެ.

ވަކި ހިސާބަކަށް ދެވުމުން ހޫދުގެ ސައިކަލު މަޑުކޮށްލިއެވެ. އަތިރިމަގާ ދިމާއަށް ދެވެން އޮތް މަގުގެ ފަސްގަނޑު މަޑުވާނެކަން އޭނާއަށް އެނގެއެވެ. ބުރެކި ޖައްސާލި ވަގުތު ވެލި ގަނޑުމަތީ ފުރޮޅު ކަހާލައިގެން ދިޔައިރު ސައިކަލާ އެކު ވެއްޓިދާނެތީ ހޫދު އިނީ އެކަމަށް ސަމާލުވެގެންނެވެ. ސައިކަލުން ފޭބުމަށްފަހު މައްޗަށް ބަލާލީ ކާޅުތައް ދިޔަ މިސްރާބު ޔަގީން ކުރާށެވެ. އަތިރިއާ ވީ ފަރާތަށް އެ ކާޅުތައް ދިޔަކަން އެނގުމުން ގަސްތަކުގެ ތެރެއިން އެދިމާއަށް ނުކުންނަށް ހޫދު އަވަސްވެގަތެވެ.

ރޭގަނޑުގެ ދަން ގަޑިއެއްގައި އަނދިރިކަމުން ފުރިފައިވާ އެ މާހައުލުން ކާޅު ގޮވާ އަޑު އިވެމުންދާތީ އިތުރު ނާމާން ކަމަކާއި ބިރުވެރިކަމެއް ހޫދުގެ ހިތަށް ވެރިވަމުން ދިޔައެވެ. އެކަނިމާ އެކަނި އެ ގަސްތަކުގެ ތެރެއިން މޫދާވީ ފަރާތަށް ނުކުންނަން ދިޔައިރު އެތަނަށް އެކަނި އާދެވުނު މޮޔައޭވެސް އޭނާގެ ހިތަށް އެރިއެވެ.

ފަޒާތެރޭގައި އުދުހެމުން ދިޔަ ކާޅުތައް މައިތިރިވެ ވަށައިގެންވާ ގަސްތަކުގެ ގޮފިތަކުގައި ޖައްސައިފިއެވެ. އޭއްޗެތީގެ އަޑުކެނޑުމާއެކު ހޫދު މައްޗަށް ބަލާލީ ހައިރާން ކަމާއެކުގައެވެ. އެސޮރުމެން މައިތިރިވީ ކީއްވެބާއޭ ހޫދުގެ ހިތަށް އެރިއެވެ.

އަތިރިމައްޗަށް ނުކުމެވެން ހުރި ސަރަހައްދު ވަށައިގެން ހެދިފައިވާ ގަސްތައް އެތުރުންގަނޑު ހުރީ ހަނދުފަޅިއެއްގެ ބައްޓަމަށެވެ. ކޮންމެ ގަހެއްގައި ތިން ހަތަރު ކާޅު ޖައްސައިގެން ތިބީ އެއް ދިމާއަކަށް ބަލާށެވެ. އަޑެއް ބަޑެއް ނުލައްވާ އެކާޅުތައް ތިބީ ބޯ ޖަހާލަ ޖާހާލައެވެ. އެ މާހައުލުން އިވެމުން ދިޔައީ ވަޔާއެކީ ގަސްތަކުގެ ފަތްތައް ހެލެމުން ދިޔައަޑާއި ގޮނޑުދޮށަށް ރާޅު ބިއްސަމުން ދިޔަ ހިތްގައިމު އަޑެވެ.

އެ ތަނުގައި ހިނގަމުންދަނީ ކިހާވަރެއްގެ ކަމެއްތޯ ބެލުމުގެ ބޭނުމުގައި ހޫދު ކުރިއަށް ފިޔަވަޅެއް އަޅަމުން ގަހެއްގެ ނިވަލަށް ވަނެވެ. ގަހުގައި ހިފަހައްޓައިގެން ހުރެ އެއް ފަރާތަށް ބޯ ގުދުކޮށްލަމުން އެތަނުގައި ހުސްކޮށް އޮތް ދޮންވެލިގަނޑާ ދިމާއަށް ބަލާލި ވަގުތު ހޫދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެމީހަކު ހުރީ ހޫދަށް ފުރަގަސް ދީގެން ކަމުން އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ.

ކޮޅަށް އެމީހާ ހުރެ ގުދުވެ ބިންމައްޗަށް ތިރިވީ ނަމާދުގެ ހަރާކާތާއި އެއްގޮތްވާ ގޮތަކަށެވެ. ގިބްލައަށް ފުރަގަސްދީގެން ހުރެ އެމީހަކު ސަޖިދަ ޖެހިތަން ފެނުމުން ހޫދުގެ ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ. އެއީ ކާކުތޯ އަދި އެކުރަނީ ކީއްތޯ ބަލަން ހޫދު ބޭނުންވިއެވެ. ކުރިއަށް ޖެހިލަން ހިތަށް އެރި ނަމަވެސް އެމީހާއަށް ހޫދު ފެނިގެން ކަންކޮށްފާނެ ގޮތަކާއި ދޭތެރޭ ވިސްނާލެވުމުން އޭނާ ޖެހިލުންވިއެވެ.

ދޭތެރެއަކުން ގަހުގެ ނިވަލަށް ވަދެ ނޭވާލާން ހޫދު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އޮއެވަރު ގަދަވަމުން ދިޔަކަން ހޫދަށް ފާހަގަވިއެވެ. މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔަލެއް ބާރުކަމުން އޭނާއަށް ނޭވާލާން އުނދަގޫ ވާހެންވެސް ހީވިއެވެ.

ވިސްނުމަކަށް ގެއްލިފައި ހުރި ހޫދަށް ސިހުމެއް ލިބުނީ ކާޅެއްގެ ބާރު ގޮވެލީގެ އަޑަށެވެ. އެ އަޑާއި އެކު ދެންހުރި ކާޅުތަކުގެ ގޮވެލިތައް ހަމައަކަށް ނުފެތޭނެހެން އެ މާހައުލުތެރޭ ގުގުމަމުން ދިޔައީ ބޮލަށް އުނދަގޫވާ ފަދަ ޒާތަކަށެވެ. ދެ ކަންފަތްމަތީ އަތް އަޅާ ބާރުކޮށްލަމުން، އަނެއްކާވެސް ގޮނޑުދޮށާ ދިމާއަށް ހޫދު ބަލާލީ ކާޅުތައް ގޮވަންވީ ސަބަބެއް އޮޅުން ނުފިލީމައެވެ.

ފަސްގަނޑުމަތީ ކަކޫޖަހައިގެން އިން މީހާ ބިންމަތީ ދެއަތް ވިއްދާލަމުން އެތަނުން ތެދުވެ މޫދާ ދިމާއަށް ހިނގައިގަތީ ދެއަތް ފުޅާ ކޮށްލަމުންނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްކަން ހޫދަށް އެނގުނީ އެވަގުތެވެ. ހަނދުވަރުގެ ދަޅަ އެމީހާގެ ހަށިގަނޑަށް އެޅިފައިވާ އިރު އޭނާގެ ގައިން ރަތް ކުލަގަނޑެއް ފެންނަން ހުއްޓެވެ. ކަކޫތާ ފެނާހަމައަށް ދެވުމުން އޭނާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ކުއްލިއަކަށް އެމީހާ ފަހަތަށް އެނބުރިލުމުން ސިހިފައި ގަހުގެ ނިވަލަށް ވަދެ ފިލީ އެމީހާއަށް ފެންނަން ބޭނުން ނުވާތީއެވެ. ކާޅުތަކުގެ ގޮވެލިވެސް ހުއްޓިއްޖެއެވެ. ތަނަށް ހަމަހިމޭންކަމެއް ވެރިވެއްޖެއެވެ.

(ނުނިމޭ)