ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމު ކުރެއްވި އޮފީހެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައިކަމަށާއި، މި ބިއުރޯގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅާ ރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާ، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުން ހިމެނޭކަމަށެވެ.
