"އަނެއްކާ މަންމައަށް ކަމެއްވީބާ... މީ ކޮންހާ ލެއެއް... މަންމަ ފައި ހަލާކުވީ ކަންނޭނގެ.." ހިތާހިތުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ ޝީން އަތް އުފުލާލީ އެ ކޮޓަރި ދޮރުގައި ޓަކި ޖަހާށެވެ. އޭނާގެ މަންމަ ރަނގަޅުތޯ ޔަގީންކޮށްލަން ބޭނުންވެފައި ހުރުމުންނެވެ.
*** *** *** *** *** ***
ހެނދުނުގެ ނާސްތާއަށްފަހު ޝީންގެ ފޯނު ކޯލަށް ހޫދު ޖަވާބު ދިނީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ހޫދުގެ ބޮލުގައި އުފެދުނީ އިތުރު ރިހުމެކެވެ. އެތައް ކަމަކުން އޭނާގެ ބޯ ހާސްކޮށްލައިފިއެވެ. އަފްނާނުގެ ޑައިރީ ވީ ކޮންތާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެޑައިރީއަކީ ކޮންމެ ކޮންމެ މީހެއްގެ އަތުޖެހިގެން ވާނެ ފޮތެއް ނޫނެވެ. އޭގެ ސަބަބުން އާއިލާއެއްގެ ހަމަހިމޭންކަން ނަގާލާނެއެވެ. އަފްނާނަށް މިރަށުގައި އުޅުމަކީވެސް އުނދަގޫކަމަކަށް ވާނެކަން ހޫދަށް ޔަގީނެވެ.
ޖޯލިފަތީގައި އިށީނުމަށްފަހު ނިތްކުރިއަށް އަތް އަރުވައިގެން ހޫދު އޮތީ އެކި ހިޔާލުތައް އޭނާގެ ސިކުނޑި ވަށާލާފައި ވާތީއެވެ. ކަމަކަށް ފަހު ކަމެއް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަނީއެވެ. ފޯނު ނަގާ އޭގެ ސްކްރީން ހުޅުވާލުމަށްފަހު އެއްކަލަ ވީޑިއޯކޮޅު އޭނާ ބަލަން ފެށިއެވެ. ނިކަގަސް ކައިރީ ހިނގި ކަންތައް އޭނާ ބަލަމުން ގޮސް ހުދު ހެދުމުގައި ފެނުނު އަންހެންމީހާ ފެނުމާއެކު ވީޑިއޯ ގެ މަންޒަރު ހުއްޓާލިއެވެ.
އެ އަންހެން މީހާއާ ދިމާއަށް އޭނާގެ ނަޒަރު ހުސްކޮށްލިއެވެ. ވަލުތެރެއިން ފެނުނު އަންހެންމީހާގެ ކަންތައް އޭނާ ހޯދަން ބޭނުންވެއެވެ. ހިތުގެ ކަނަކުން އެއީ ކާކުކަން އޭނާއަށް އެނގެޔޭ ބުނާ ކަހަލަ އިހްސާސެއް ކުރާތީ ހިތަށް އުނދަގޫވަނީއެވެ. ކޮންމެވެސް ތާކުން އެ އަންހެން މީހާއާ އޭނައާ ދިމާވެފައިވާ ފަދަ އިހްސާސެއް ކުރަނީއެވެ. އެއީ ކާކުތޯ ހޯދާ ޔަގީންކުރަން ބޭނުންވިއެވެ. ނަމަވެސް އެކަން ވާންއޮތީ ޔަގީން ކުރެވޭ ވަރުގެ މީހަކަށް އެ ފޮޓޯ ދައްކައިގެންނެވެ.ޝީން ގުޅައިގެން ދެއްކި ވާހަކަތަކަކީވެސް ހޫދުގެ ވިސްނުމަށް އުނދަގޫ ކުރަމުންދިޔަ އިތުރު ކަންތައްގަނޑެކެވެ. ޝާޔާއަށް ދިމާވި ކަންތައްތަކާއި، ނައުރީންގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާއި، މަންޝާގެ ދިރިއުޅުމުގެ ތެރެއިން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތަކުގެ ސަބަބުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫ ކޮށްފިއެވެ. ޗުސް ކަނޑާލުމަށްފަހު ހޫދު އެ ޖޯލިފަތިން ތެދުވެ ފޯނަށް އަނެއްކާވެސް ބަލާލިއެވެ. ހޫދު އެވަރުގެ އިތުބާރެއްކޮށްފައި މިވާހަކަތައް ހިއްސާކުރަން ގުޅާނީވެސް ވަކި ކާކަށް ހެއްޔެވެ.
މި ވާހަކަތައް މީހަކާ ހިއްސާކޮށްގެން މެނުވީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މިވާހަކަތައް މީހަކާ ހިއްސާކޮށްފިނަމަ ހޫދުއާ މަންޝާއާ ދެމެދުގައިވާ ގުޅުމާ ބެހޭ ގޮތުން އެތައް ސުވާލެއް އުފައްދާނެކަން އޭނާއަށް ކަށަވަރުވިއެވެ.ކިޝަން ބުނިކަމެއް ހަނދާންވުމުން އެދިމާއަށް ދާން އޭނާގެ ފިޔަވަޅު އަވަސްކޮށްލީ ފޯނު ތިރިކޮށްލަމުންނެވެ. އެވަގުތު ހޫދުގެ ފޯނު ރިންގް ވާން ފެށުމުން ފޯނަށް ބަލާލިއެވެ.
"ރާއިދު.... ކީކޭ؟..."
*** *** *** *** *** ***
އެތައް ސުވާލުތަކެއް ކުރަން ބޭނުންވެފައި ހުރި ނަމަވެސް ރާއިދުގެ ދޫ ބަންދުކޮށްގެން ހުރީ ފޯނުން އެވާހަކަތައް އަހާ އޮޅުންފިލުވަން ބޭނުން ނުވާތީއެވެ. ރާއިދުގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކޮޅުން ފޯނުގައި ހުރި ހޫދު ދެބުރަކަށް ގޮވާލީ ރާއިދަށް އަޑު ނީވެނީއޭ ހީވުމުންނެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ރާއިދު ހިނިތުންވެލީ ހޫދަށް ޖަވާބެއް ދިނުމަށެވެ.
"ހިނގާބަލަ މިރޭ ދެމީހުން މީޓް ކޮށްލަން.. ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއްވެސް އެބަ އޮތް... މިރޭ ވަގުތެއް ވާނެތަ؟..." ރާއިދު ވިސްނާލަން ހުރުމަށްފަހު އޭނާގެ ބޭނުން ހާމަކޮށްލިއެވެ.
"އާން.. އަހަރެންވެސް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް... ހިނގާ މީޓްކޮށްލަން... މިރޭ ހުސްވަގުތެއް ހޯދާލާފަ ގުޅާނަން.. މިހާރު މިދަނީ ކިޝަން ބުނެގެން ގެސްޓްހައުސް އަޅަމުންދާ ސައިޓާ ދިމާއަށް ދާން..." ހޫދުގެ ވާހަކަތަކުން އޭނާވެސް ހުރީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައިކަން އެނގުމުން ރާއިދު ވިސްނާލިއެވެ. އެންމެ ރަނގަޅު ކަމަށް ބުނެ ރަހްމަތްތެރިޔާގެ ކޯލު ކަނޑާލުމަށްފަހު ރާއިދު ފުން ނޭވާއެއް ބޭރުކޮށްލީ ގޭތެރެއަށް ވަންނަމުންނެވެ. ރާއިދް ވިސްނަމުން ދިޔައީ މަންމަގެ ޑައިރީއާ މެދުގައެވެ. އަމިއްލަ ރަށަށް ނުދެވި މަންމަ އެހުންނަނީ އެހެންވެ ހެއްޔެވެ. މަންމައާ ބައްޕަގެ ފަރާތު އާއިލާ ބަޔަކާއި މިއަދާ ހަމައަށް ރާއިދާ ބައްދަލުވެފައެއް ނުވެއެވެ. އެއިން ކަމެއް އުނިވެގެން ދުވަހަކުވެސް އޭނާގެ މައިންބަފައިން ގާތު ޝަކުވާ ކޮށްފައެއްވެސް ނެތެވެ. އަފްނާންއާއި މަޖުދީމެން ދެމަފިރިން ރާއިދަށް އެއްވެސް ކަމެއް އުނި ނުވާނެހެން އެކުއްޖާ ބަލައި ބޮޑުކުރީ ނުހަނު ލޯބިންނެވެ.
މަޑުމަޑުން ގޭތެރެއަށް ވަދެ ސިޓިންގް ރޫމް ތެރެއަށް ރާއިދު ކަޅި ހިންގާލިއެވެ. މީހަކު ފެންނަން ނެތުމުން ކޮޓަރިއަށް ދާން އޭނާ މިސްރާބުޖެހީ ބޮލުގައި ރިހުމެއް އުފެދިފައި ވުމުުންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ރާއިދުގެ ފިޔަވަޅު މަޑުކޮށްލެވުނީ އަފްނާންގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ވެގެން އުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައި މަންމަގެ ކޮޓަރީ ދޮރާ ގާތްވެލީ އެތެރެއިން އިވެމުންދިޔަ އަޑުތަކަށް ކަންފަތް ދެމުންނެވެ. ދޮރު ހުރީ އެކީ ނުލެއްޕިއެވެ. އެތެރޭގައި ދެކެވެމުން ދިޔަ ވާހަކަތައް ސާފުކޮށް ރާއިދަށް އަޑު އިވުނެވެ.
*** *** *** *** *** ***
"އަފްނާން... ނުރޮއެބަލަ... ތިހެން ހިތާމަ ކުރިއަސް ތިހިތަށް ފަސޭހައެއް ވާނެނަމަ މިވޭތުވެ ދިޔަ ވިހި އަހަރުތެރޭ ތި ހިތަށް ލުޔެއް ލިބުނީސް..." މަޖުދީ މަސައްކަތް ކުރީ އަފްނާނަށް ކަމެއް ވިސްނައިދެވޭތޯއެވެ. މުސައްލަމަތީ އިށީނދެގެން އިން އަފްނާނުގެ ލޮލުން އޮހެމުން ދިޔަ ކަރުނައަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. ދެއަތުން މޫނު ނިވާކޮށްގެން ހުރެ އޭނާ ގިސްލާ ރޮމުންދިޔަ އަޑު މީހަކަށް އިވުނަސް ހިތް ފަނާވާނެއެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ އުދާސްތައް ބޭރުކުރަން ބޭނުމެވެ. އެ ހިތަށް ލުއެއް ލިބޭތޯ ނަމަދުކޮށް ދުއާ ކުރި ނަމަވެސް އޭނާގެ އާއިލާ މަތިން މިއަދު މާބޮޑަށް ހަނދާން ވަނީއެވެ.
"އަފޫ... މާމަ އުޅެނީ ވަރަށް ބަލިވެ... މާމަ ކައިރިއަށް ދާން ހިނގާ... މިހެން ކިހާ ދުވަހެއް ވަންދެން ފިލާ އުޅެންކަމަށް ތި ވިސްނަނީ... މިހެން އަބަދަކު ނޫޅެވޭނެ... ހިތްވަރުކޮށްފަ ކަންކަމާ ކުރިމަތިލާން ވާނެ... މިހާ ދުވަސްވާއިރު މަންމަވެސް ހުންނާނީ ރުޅި މަޑުވެފަ... އަފްނާނު ދެކެން ބޭނުންވެފަ..." މޫނު ނިވާކޮށްފައިވާ ދެއަތް ދުރުކޮށްލަމުން އަފްނާނު ނޭފަތް ދަމާލިއެވެ. އިސްޖަހައިގެން އިން އަފްނާނުގެ ދޮން މޫނު ވަނީ ރަތްވެފައެވެ.
އުމުރުން ސާޅީސް އަހަރު ވީއިރުވެސް އަފްނާނަކީ ރީތި އަންހެނުން ތެރެއިން ހޮވާލެވޭ މީހެކެވެ. މަޖުދީ އޭނާގެ އަންހެނުން ކައިރީ އިށީނދެ އަފްނާނު ގެނެސް މެއާ ލާ ބޮނޑިކޮށްލީ އެމަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވީމައެވެ. "އަހަރެން ރަށަށް ދާން ބޭނުން... އެކަމަކު... މީހުން ހާދަ ފާޑުފާޑުގެ ވާހަކައެއް ދައްކާނޭ... ރާއިދު ފެނުނީމަ ހާދަ ސުވާލެއް ކުރާނޭ... އަހަރެން ކިހިނެއް އެ ސުވާލުތަކަށް ޖަވާބުދޭނީ... އަހަރެން ކިހިނެއް އެއެންމެންނާ ކުރިމަތިލާނީ... އެތަނަށް ގޮސްގެން އުޅެނިކޮށް ރާއިދަށް ހުރިހާ ކަމެއް އެނގިދާނެ... އޭރުން އެ ސޮރު ރުޅި އަންނާނީ އަހަރެން ދެކެ.. އަހަރެން ކިތަންމެ ތާހިރުވާން މަސައްކަތް ކުރިއަސް މި ހަށިގަނޑުން އެ ލަށްތަކެއް ނުފިލާނެ... މަޖުދީ އަޅެ އަހަރެން ކިހިނެއް ހަދާނީ..."
އަފްނާނުގެ ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތަކުން މަޖުދީ ލައިގެން ހުރި ގަމީހުގެ މޭމަތި ތެތްމަމުން ދިޔައެވެ. އަފްނާނު ހުއްޓުވާކަށް މަޖުދީ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އަންހެނުންގެ ހިތާމައިގައި ބައިވެރިވާށެވެ. އަފްނާނު ހިތް ފުރެންދެން ރޯން އޭނާއަށް ފުރުސަތުދީގެން އިން މަޖުދީ އަފްނާނުގެ ބޮލުގައި ފިރުމާލަމުން އޭނާގެ ނިތްކުރިއަށް ބޮސްދިނެވެ. އަފްނާނުގެ ހަށިގަނޑުގައި ދެއަޔުން ވަށާލަމުން ބާރަށް ބައްދާލީ ދުވަހަކުވެސް އަފްނާނަށް ދެރަގޮތެއް ވިޔަ ނުދޭނެކަމަށް ބުނަމުންނެވެ.
"އަހަރެން އަފްނާނާ ކައިވެނި ކުރި އިރުވެސް އަހަންނަށް އެނގޭ އަހަންނަށް ދަރިންނެއް ނުލިބޭނެކަން... ފުރަތަމަ ކައިވެނި ރޫޅިގެން ދިޔައީ އަހަރެންގެ ހުރި އުނިކަމެއްގެ ސަބަބުން.. ރާއިދުއަކީ އަހަރެންގެ ދަރިއެއް... އެއީ އަހަރެންގެ ފުރާނަ.. ތި ދެމައިންނަށް ދެރަގޮތެއް އަހަރެން ނުހަދާނެކަން އަފްނާން ގަބޫލުކުރަންތަ؟..." މަޖުދީގެ އިހްސާސްތައް އޭނާއަށް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ފިރިހެނަކަށްވެ ހުރެވެސް އޭނާގެ ހިތްވަރު އެލި އެ ލޮލުން ކަރުނަ ނިރާލިއެވެ.
"މަޖުދީ އަކީ އަހަރެން ހީކުރި ވަރަށްވުރެ މާ ރަނގަޅު އިންސާނެއް... އަހަރެމެންނަށް ތިދިން ހިމާޔަތް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން... މަޖުދީގެ ތި ލޯތްބާ އޯގާތެރިކަމުން އަހަރެންނަށްވެސް މަޖުދީ ދެކެ ލޯބި ވެވިއްޖެ... އުމުރުގެ ގޮތުން ކިތަންމެ ބޮޑު ތަފާތެއް ހުއްޓަސް އަހަންނަށް ފަރުވާލެއް ނެތް... މަޖުދީއަށްޓަކައި އަހަރެންގެ ފުރާނަވެސް..." އަފްނާނުގެ ވާހަކަ މެދުކަނޑާލީ އޭނާގެ ތުންފަތުގައި މަޖުދީ އިނގިލި ޖައްސާލުމުންނެވެ. މަޖުދީގެ ފުރާނައަށްވުރެވެސް ލޯބިވާ އަނބިމީހާގެ އަނގައިން ކުފުރުގެ ބަހެއް ބޭރުވާ އަޑުއަހަން އޭނާ ބޭނުން ނުވީއެވެ.އަހަރެންގެ ބަސްއަހައިގެން އަފްނާނު ރަނގަޅު ޞާލިހް އަންބަކަށް ވީތީ އަހަރެން އެކަމާ ޝުކުރު ކުރަން.. އަލްހަމްދު ލިﷲ... މުޅި ދުނިޔެ އަތްފުޅާ އަޅާ ހޯދިޔަސް އަފްނާން ކަހަލަ މާތް އަންހެނަކު އަހަންނަކަށް ނުލިބޭނެ.. މާޒީގެ އެ ތަޖްރިބާ އަކީ އަފްނާނަށް ފެނުނު ބިރުވެރި ހުވަފެނެއް ކަމަށް ހީކޮށްލާ.. އިރާދަކުރެއްވިއްޔާ އަހަރެމެންގެ މިހަޔާތަށް ދެން އަންނާނީ ބަހާރު މޫސުން..." މަޖުދީގެ ލޮލުން ފޭބި ކަރުނަ ތިކި ވެއްޓުނީ އަފްނާނުގެ ނިތްކުރިއަށެވެ. އިސް އުފުލާލަމުން މަޖުދީއާ އޭނާ ހަތަރުކަޅި ހަމަކޮށްލީ އޭނާގެ ފިރިމީހާއަށް ރޮވެނީކަން އެނގުމުންނެވެ.
"އަހަރެން ދުވަހަކުވެސް މަޖުދީއާ ވަކި ނުވާނަން... އަހަރެން މަޖުދީ ދެކެ ވަރަށް ލޯބިވޭ..." އަފްނާނު މޫނުގައި މަޖުދީ ހިފަހައްޓާލަމުން އެ ރީތި ބޮޑު ލޮލަށް ފުން ނަޒަރަކުން ބަލާލިއެވެ. އަފްނާނުގެ ދުލުން ބޭރުކުރަމުން ދިޔަ ބަސްތަކުން މަޖުދީގެ ހިތަށް ފިނިކަމެއް އިހްސާސްވިއެވެ. "ހިނގާ ރަށަށް ދާން... މީހުން އެއްޗެކޭ ބުނާކަށް ނުޖެހޭނެ.. އަބަދުވެސް އަފްނާންއާ އެކީ އަހަރެން ވާނަން... މީ އަހަރެން ވާ ވައުދެއް..." މަޖުދީގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުރި އަފްނާން ދެލޯ މަރާލަމުން ބޯ ޖަހާލިއެވެ. އޭނާ ރަށަށް ދާން އެއްބަސްވަމުން މަޖުދީގެ މޭގައި ބޯ އަޅާލިއެވެ.
"މަންޝާވެސް ރަށަށް ދާނެ ނަމަ.. މާމަ ދެކިލަން އޭނަވެސް ވަރަށް ބޭނުންވާނެ... މާމަ އެންމެ ލޯބިވާ މާމަ ދަރިއަކީ މަންޝާ ދައްތަ..." އަފްނާނުގެ އެދުމަކީ މަންޝާވެސް ގޮވައިގެން ރަށަށް ދިއުމެވެ. އެ ވާހަކަތައް އަޑުއަހަން އިން ރާއިދުއަށް މަންޝާއަކީ ކާކުކަން އެނގުމުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.ޑައިރީގެ ބައެއް މަންޒަރުތައް ރާއިދުއަށް ކިޔަން އުނދަގޫވުމުގެ ސަބަބުން އެބައިތައް ނުކިޔާ ދޫކޮށްލާފައި ވާތީ އެ ޑައިރީގައި މަންޝާގެ ބައިތަކެއް އައިސްފައިވާކަމެއް އޭނާއަކަށް ނޭނގެއެވެ. މަންޝާއާ އޭނާގެ މަންމައާ އޮތް ގުޅުން ހޯދަން ރާއިދު ބޭނުންވިއެވެ. އެހެންކަމުން ކޮޓަރިއަށް ވަދެ އަލަމާރި ތެރެއަށްލާ ފޮރުވި އަފްނާނުގެ ޑައިރީ ނަގާ ޞަފްހާތައް އުކާލީ މަންޝާގެ ހަގީގަތް ހޯދުމުގެ ބޭނުމުގައެވެ.
*** *** *** *** *** ***
ކޮޓަރީގައި މީހަކު ޓަކި ޖަހާލި އަޑަށް މަންޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ފުހެލުމަށްފަހު މަންޝާ ދޮރު ހުޅުވާލިއެވެ. ނުބައި ޒާތަކަށް ހެވިފައި ދޮރުމަތީ ހުރީ ހަސަނެވެ. ހަސަނު ފެނުމާއެކީ މަންޝާ ބިރުގަތެވެ. ދޮރު ލައްޕާލަން މަސައްކަތް ކުރި ނަމަވެސް ހަސަނު އެއަށްވުރެ ހުށިޔާރެވެ. އަތުން ޖަހާ ދޮރު ހުޅުވާލަމުން ހަސަނު އެތެރެއަށް ވަނީ ނުލާފާ ޒާތަކަށް ހިނިއައިސް ހުރެއެވެ. މަންޝާ ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުގެ ތަޅު އަނބުރާލުމަށްފަހު ދޮރުގައި ފައިންޖަހާ ހަސަނު ލައްޕާލިއެވެ. ވާރެއާ ތެމިފޯވެގެން ހަސަނު ހުރުމުން އޭނާގެ ގައިން ފައިބަމުން ދިޔަ ފެންތަކުން ތަރުފާލުގަނޑު ތެންމަަމުން ދިޔައެވެ. ކުރިއަށް ހަސަނު ޖެހުނީ ދަހިވެތި ނަޒަރަކުން މަންޝާގެ ހަށިގަނޑަށް ބަލަމުންނެވެ. ކޮންމެވެސް ވަރަކަށް މަންޝާ ލައިގެން ހުރި ގަމީސް ތެމިފައި ވުމުން ހެދުންވަނީ ގައިގާ ތަތްލާފައެވެ. ފަހަތަށް ޖެހެމުން ދިޔަ މަންޝާގެ ފައި އެނދުގައި ޖެހި އެނދުމައްޗަށް މަންޝާ ވެއްޓުނީ އެކަމަށް ނުވިސްނާ ހުއްޓައެވެ. މަންޝާއަށް އިތުރު ހަރަކާތެއް ނުގެނެވެނީސް ހަސަނު އައިސް މަންޝާގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ހުރިހާ ގޮށްތައް ނެއްޓި މަންޝާގެ ގަމީސް ހާސާ ވެއްޖެއެވެ. ދެއަތުން މޭމަތި ނިވާކުރަމުން މަންޝާ ރޮއިގަތެވެ. ހެމުންހެމުން ދިޔަ ހަސަނުގެ އަޑު ކުއްލިއަކަށް ކެނޑުމުން މެރިފައިވާ މަންޝާގެ ލޯ ހުޅުވާލަމުން ބަލާލީ ބިރުން ހުރެއެވެ.
ހަސަނުގެ ކަޅި އޭރު އަމާޒުވެފައި ވަނީ އެ ކޮޓަރީގެ ކުޑަދޮރާ ދިމާލަށެވެ. މަންޝާގެ ނަޒަރުވެސް އެހިސާބުން ހުއްޓުނީ ކޮޓަރީގެ ކުޑަދޮރާ ދިމާލަށެވެ. ހުޅުވިފައިވާ ކުޑަދޮރުގެ ދޭތެރެއިން ބޭރުގައި މީހަކު ބަލަން ހުރިކަން މަންޝާއަށް އެނގުނެވެ. ގަމީހުގެ މޭމަތީގައި ހިފަހައްޓައިގެން ގުޑިލަންވެސް ނޭނގިފައި މަންޝާ އޮތީ ދެން ހަދާނެ ގޮތެއް ނުވިސްނުނީމައެވެ. ވެހެމުންދިޔަ ވާރޭ ތެރެއިން މަންޝާއަށް ފެންނަމުން ދިޔައީ އޭނާ އެންމެ ލޯބިވާ މީހާގެ ސޫރައެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ހަސަނާ ދިމާއަށް އޭނާ ބަލަން ހުރީ ބުޅާ މަސްގަނޑާ ދިމާއަށް ބަލާ ފަދައަކުންނެވެ.
ހަސަނަށް އެމަންޒަރު ފެނި ޖެހިލުންވިއެވެ. މަޑުމަޑުން އެ ކޮޓަރިން ނުކުމެގެން ދާން އެނާ ހިނގައިގަތީ މަންޝާއާ ދިމާއަށް ދެލޯ އަޅާލަމުންނެވެ. އަނެއްކާވެސް މަންޝާ ބަލާލީ ކުޑަ ދޮރާ ދިމާއަށެވެ. އެ ޒުވާނާގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަތަން ފެނުމުން މަންޝާގެ އެސްފިޔަތައް ތަޅުވާލީ ހައިރާން ކަމާ އެކީގައެވެ. އެސްފިޔަ ޖަހާލާފަ ދެލޯ ހުޅުވާލިއިރު އެ ޒުވާނާ އެ ކުޑަދޮރު ކައިރީ ފެންނާކަށް ނެތެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާ އެކީ މަންޝާއަށް ބާރަށް ހަޅޭއް ލަަވައިގަނެވުނެވެ.
ގަދައަށް ނިދިފައި އޮތް މަންޝާއަށް އޭނާގެ ލޯ ހުޅުވާލެވުނީ ހަޅޭއްލަވަމުންނެވެ. ދެލޯ ހުޅުވާލަމުން ވަށައިގެން ކޮޓަރިތެރެއަށް އޭނާ ނަޒަރު ހިންގާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. އޭނާއަށް އެ އޮވެވުނީ އޭނާގެ ކޮޓަރީގައެވެ. އެނދުމަތިން ބޯހިއްލާލި ވަގުތު މަންޝާގެ ބޮލުގައި ގަދަ ރިހުމެއް ހުރިކަން އިހްސާސް ވުމުން ދެ އަތުން ނިތްކުރީގެ ދެފާތުގައި ހިފަހައްޓާލަމުން މަންޝާގެ ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ. ދެންމެ ފެނުނު ހުވަފެން ހަނދާންވުމުން މަންޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަސަނުގެ އެ ނުބައި ބެލުމާއި އޭނާގެ ބީހުންތައް ދާދި ދެންމެ ވީ ކަމެއްހެން އޭނާއަށް އިހްސާސްވަމުން ދިޔައެވެ. އެއް އަތް ކަރުދަށުގައި ހަރަކާތްކޮށްލީ އޭނާއަށް ނޭވާލާން އުނދަގޫވާހެން ހީވުމުންނެވެ. އެ އަތް ތިރިއަށް ދަތުރުކުރީ އޭނާ ލައިގެން ހުރި ޓޮޕްކޮޅުގެ ކަރުވަޅާ ދިމާއަށެވެ. ހެދުމުގެ ކަރުގައި ހިފާ ބޮނޑިކޮށްލީ އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުންނެވެ.
*** *** *** *** *** ***
ރޭގަނޑު ގެއަށް ނިދަން ނުގޮސް އަޒީމް ބޭރުގައި އުޅުނީ އޭނާއަށް ވަމުން ދިޔަ އުނދަގޫތަކަށް ލުއެއް ލިބޭނެކަމަށެވެ. ނަމަވެސް އޭނާގެ ހިތަށް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ފޯނު ނަގާ އަސްރާރުގެ ނަންބަރަށް އޭނާ ގުޅާލީ އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔަ ކަންތައްތަކަށް ލުއެއް ހޯދޭނެ ފަރާތަކީ އެއީ ކަމަށް ވާތީއެވެ.
ފޯނު ރިންގް ވާތާ އިރުކޮޅެއް ވީފަހުން އަސްރާރު އެ ކޯލަށް ޖަވާބުދިނެވެ. "އައްސަލާމް އަލައިކުމް..." ޖަވާބުގައި ވާލައިކުމުއްސަލާމް އަޒީމް ބުނެލިއިރު އޭނާގެ އަޑުން ކަމެއް ގޮސްވެފައިވާކަން އަސްރާރަށް އެނގުންވިއެވެ."ކިހިނެއްވީ ކަމެއް ގޯސްވީތަ؟..." މީހުންގެ ވާހަކަ ދެއްކުމުގެ ރާގައި ބަސްމަގު ދެނެގަތުމުގެ ހުނަރު އަސްރާރުގެ ހުންނަނީ އޭނާގެ ލޮލަށް ނުފެންނާތީއެވެ. އިވޭ އަޑުތަކަށާއި މާހައުލުން ކުރެވޭ އިހްސާސްތައް ދެނެގަންނަން އޭނާ ވަރަށް މޮޅެވެ.
"އަސްރާ... އަހަރެންނަށް ހީވަނީ ހުރިހާކަމެއްވެސް މިދަނީ ގޯހުން ގޯހަށް ހެން... މަންޝާއަށް ކަމެއް ވެއްޖެ.. އޭނާ ވަރަށް ބަދަލު... އަހަރެންނަކަށް ނޭނގޭ މިވަނީ ކިހިނެއް ކަމެއް... އަހަރެންނަށް މިއިން އެއްވެސްކަމެއް ކުރިން ފާހަގަ ނުވީ ކީއްވެތަ... ހީވަނީ އެތައް އަހަރުތަކަކަށް ފަހު މަންޝާ ފެންނަހެން.. އަހަރެމެން ދެމެދުގަ އެކަކު އަނެކަކާ ގާތް ނުވެވޭ ވަރުގެ ފާރެއް ރޭނިފައިވާ ކަހަލަ... އެފާރު މުގުރާލަން މަ ބޭނުން..." އެކުވެރިޔާއަށް އޭނާގެ ހިތުގެ އުދާސްތައް ހިއްސާ ކުރަމުން ދިޔައިރު އަޒީމްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެން ދިޔައެވެ. "އަޒީމް ހަމަޖެހިބަލަ.. ކީކޭތަ ތި ކިޔަނީ.. ތިކަމުން އަހަންނަށް ކޮށްދެވޭނެ ކަމެއް އެބައޮތްތަ؟.. އަޒީމްގެ ނިންމުމެއްނު ދެވަނަ ކައިވެންޏެއް ކުރުމަކީ..." އަސްރާރު ބޭޏުންވީ އަޒީމަށް ކަމެއް ހަނދާން ކޮށްދޭށެވެ.
"އަހަރެން ނައުރީންދެކެ ލޯތްބެއް ނުވޭ.. އަހަރެންނަކަށް ނޭނގެ އަހަރެން އެކައިވެނި ކުރީ ކީއްވެގެން ކަމެއް... މީގަ ވަރަށް ބޮޑު ނުބައެއް އެބަ އުޅޭ... މަށަށް ހީވަނީ... މަންޝާއާ އަހަރެން ދުރުވެގެން މިއުޅެނީ ޖިންނި ކަމަކުން ހެން... މަންޝާއާ ކުރިންވެސް ޖިންނިއެއް އަވަލައިގެން އުޅުނު... މިކަން ބަލައިދޭން އާދެބަލަ.. އާދޭސްކޮށްފަ ބުނަނީ... އަހަރެން ޓިކެޓްވެސް ހަމަޖައްސަފާނަން..." އަޒީމްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކަކީ އަސްރާރު ބޭނުންވާ ގޮތެވެ. އަޒީމަށް އެހީވާން އޭނާ އައްޑޫއަށް ދާނަންކަމަށް ބުނެ އެކުވެރިޔާއަށް ހިތްވަރުދީ ނަސޭހަތްތެރިވަމުން އަސްރާރު ފޯނު ކަނޑާލީ ރިޔާޒަށް އެ އުފާވެރި ޚަބަރު ހިއްސާކުރާށެވެ.
(ނުނިމޭ)
