މެއިންޓެނެންސްގެ މަސައްކަތް ކުރުމަށް މާދަމާ ބީއެމްއެލްގެ ބައެއް ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ ސިސްޓަމް މަރާމާތުކުރުމުގެ މަސައްކަތެއް، އެޕްރީލް 17 ވާ ހުކުރު ދުވަހުގެ ދަންވަރު 3:00 އިން 6:00 އަށް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ވަގުތުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތާއި، ޕީއޯއެސް ނުވަތަ ކާޑު މެޝިންގެ އިތުރުން ކާޑުގެ ހިދުމަތްތަކަށް މެދުކެނޑިގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި މަރާމާތުގެ މަސައްކަތަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އިތުރަށް ބީއެމްއެލް އިން ވަނީ މި ވަގުތުކޮޅުގެ ތެރޭގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.