ސްކޫލެއްގައި ކިޔަވަމުންދިޔަ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ދެކުނުގެ އަތޮޅެއްގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 13 ވަނަ ދުވަހުއެވެ.
މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ކުއްޖާ ސިއްހީ ފަރުވާ ހޯދުމަށް ދިޔަ މަރުކަޒުގެ ފަރާތުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ގްރޭޑު 11 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި އެ ކުއްޖާގެ ބަނޑަށް 8 މަސް ވެފައި ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައި ވެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސިއްރު ހިފަހައްޓަންޖެހޭ މައްސަލަތަކަކަށް ވާތީ، ކުއްޖާ ނިސްބަތްވާ ރަށާއި ކުއްޖާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
