އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކުރަމުންދާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގްރޮސީ ވިދާޅުވީ، އުތުރު ކޮރެއާގެ މައި ނިއުކްލިއާ މަރުކަޒު ކަމަށްވާ ޔޮންގްބިޔޯންގައި ހިންގާ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައި ވާކަން އެ އޭޖެންސީގެ ހޯދުންތަކުން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އެ މަރުކަޒުގެ 5 މެގަވޮޓްގެ ރިއެކްޓަރާއި، ލައިޓް-ވޯޓާ ރިއެކްޓަރުގެ އިތުރުން ރީޕްރޮސެސިން ޔުނިޓްގެ މަސައްކަތްތައް ހަލުވިކޮށްފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައިއޭއީއޭއިން ބުނާ ގޮތުގައި ޔޮންގްބިޔޯންގައި ޔުރޭނިއަމް ފައްކާކުރާ އާ ފެސިލިޓީއެއް އިމާރާތްކޮށް ނިންމުމާ ގާތްވެފައިވާކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ. ގްރޮސީ ވިދާޅުވި ގޮތުގައި މި ހުރިހާ ކަމަކުން ދައްކައިދެނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ދާއިރާއިން އެ ގައުމުގެ ގާބިލުކަން ވަރަށް ނުރައްކާތެރި މިންވަރަކަށް އިތުރުކުރަމުންދާ ކަމެވެ. ޕްލުޓޯނިއަމްގެ އިތުރުން ޔުރޭނިއަމް ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމަކީ، ހަތިޔާރު އުފައްދާ މިންވަރު އެތައް ގުނައަކަށް އިތުރުކުރެވޭނެ މަގެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މިހާރު އަންދާޒާކުރެވޭ ގޮތުގައި އުތުރު ކޮރެއާގެ އަތުގައި ފަންސާހަކަށް ނިއުކްލިއާ ވޯހެޑް (ހަތިޔާރު) އެބަހުއްޓެވެ. އެމެރިކާގެ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ވެސް ވަނީ ސެޓެލައިޓް މަންޒަރުތަކަށް ބިނާކޮށް، ޔުރޭނިއަމް ފައްކާކުރާ އައު ކާރުހާނާއެއްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުން ވެރިރަށް ޕްޔޮންގްޔަންގްއާ ކައިރީގައިވާ ކަންގްސޮން ސަރަހައްދުގައި ވެސް ސިއްރުން ޔުރޭނިއަމް ފައްކާކުރާ ކަމަށް ތުހުމަތުކުރެވެއެވެ.
ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިވުމުގެ ގޮތުން އުތުރު ކޮރެއާއިން ސިފައިންނާއި ހަތިޔާރު ފޮނުވަމުންދާތީ، އޭގެ ބަދަލުގައި ރަޝިޔާއިން ނިއުކްލިއާ ޓެކްނޮލޮޖީ ފޯރުކޮށްދޭކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ގްރޮސީ ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަށް ރަޝިޔާގެ އެހީތެރިކަން ލިބެމުންދާކަމުގެ އެއްވެސް ހެއްކެއް އައިއޭއީއޭއަށް އަދި ފެނިފައިނުވާ ކަމަށެވެ.
އެހެންކަމުން ބެލެވެނީ އުތުރު ކޮރެއާއިން މި ޕްރޮގްރާމް ފުޅާކުރަމުން ދަނީ އަމިއްލަ ވަސީލަތްތަކާއި ތަޖުރިބާގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މުޖުތަމައުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އެ ގައުމުން ހޯދަމުންދާ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ. އުތުރު ކޮރެއާއިން އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ގައުމުން ވަނީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ގެ ޓެކްނޮލޮޖީ ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ.
އުތުރު ކޮރެއާއިން 2009 ވަނަ އަހަރު އައިއޭއީއޭގެ އިންސްޕެކްޓަރުން އެ ގައުމުން ބޭރުކޮށްލި ފަހުން، އެ އޭޖެންސީން އުތުރު ކޮރެއާގެ ނިއުކްލިއާ ހަރަކާތްތައް މޮނިޓާކުރަމުން ދަނީ ސެޓެލައިޓް މަންޒަރުތަކާއި އެހެނިހެން ޖާސޫސީ މައުލޫމާތުގެ އަލީގައެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް އުތުރު ކޮރެއާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށާއި، އެއީ ބަދަލު ނުކުރެވޭނެ ސިޔާސަތެއް ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި ނިއުކްލިއާ ހަތިޔާރު އުފައްދާ މިންވަރު އެތައް ގުނައަކަށް އިތުރުކުރުމަށް އޭނާ ވަނީ އަމުރު ކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން އެ ގައުމުން ދަނީ އެމެރިކާއާއި ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށްގެން ހަތިޔާރުގެ ގާބިލުކަން އިތުރު ކުރަމުންނެވެ.
މިކަމާ ގުޅިގެން ސަރަހައްދީ ސަލާމަތަށް ނުރައްކާވެފައި ވާއިރު، ދެކުނު ކޮރެއާއިން ދަނީ އެ ގައުމުގެ އަމިއްލަ ނިއުކްލިއާ ސަބްމެރިން ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުން އައިއޭއީއޭއާއެކު މަޝްވަރާ ކުރަމުންނެވެ. ގްރޮސީ ވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދާނަމަ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެކުނު ކޮރެއާއިން ދޭންޖެހޭނެކަން ފާހަގަ ކުރައްވާފައެވެ. އުތުރު ކޮރެއާގެ މި އަމަލުތަކުގެ ސަބަބުން އިރުމަތީ އޭޝިއާ ސަރަހައްދުގައި ހަތިޔާރުގެ ރޭހެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
