ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ "ވަތަނީ ހިދުމަތް" ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ތައްޔާރުކޮށްފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، ފަރުހަތު މުހައްމަދު އެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ބިލު ބަލައިގަތުމަށް 50 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އެ ބިލް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހަށް ހުށަހެޅި ވަތަނީ ހިދުމަތުގެ ބިލުގައި ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެ ފަރާތްކާއި އެ ޕްރޮގްރާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން:

  • އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް ވެސް ވަތަނީ ހިދުމަތުގް ޕްރޮގްރާމުގައި ބައިވެރިވެވޭނެ
  • ނަމަވެސް، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކު
  • ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ، މެޑިކަލް އެސެސްމެންޓެއް ފުރިހަމަކޮށް، އެ އެސެސްމެންޓުން ފާސްވެގެން
  • އެ ޕްރޮގްރާމަށް އެންރޯލްވާ މީހުންނަށް، ޔުނިފޯމު އެޅި ހިދުމަތްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހެއް ކުރިއަށް ގެންދަން ޖެހޭ
  • އެ ކޯސް ފުރިހަމަ ކުރާ މުއްދަތުގައި އެ މީހެއްގެ ކެއުމާއި ހުރުމުގެ އިތުރުން ބޭސްފަރުވާ އާއި ދަތުރުފަތުރުގެ ހަރަދު އަދި ކޯހުގެ މުއްދަތުގައި ބޭނުންކުރަންޖެހޭ ޔުނިފޯމާއި އެ ނޫން ވެސް އަސާސީ ތަކެތި މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ
  • ޕްރޮގްރާމަށް އެންރޯލްކުރާ ފަރާތްތަކުން، ފުރިހަމަކުރަންޖެހޭ ތައުލީމާއި ތަމްރީނުގެ ކޯސް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ޔުނިފޯމު އެޅި ހިދުމަތެއްގައި ގިނަވެގެން އެއް އަހަރު މަސައްކަތް ކުރަން އެ ބިލުގައި ލާޒިމުކުރޭ

ނެޝަނަލް ސާވިސް ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ. ރައީސް އެދުވަހު ސިފަކުރެއްވި ގޮތުގައި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެކެވެ. އެހެންވެ ނެޝަނަލް ސާވިސް ޕްރޮގްރާމަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭއިރު ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.