ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފިއެވެ.

އިއްޔެ ފީއަލީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާނެވެ. މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެއިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.

ހަމަ އެހެންމެ ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފައެވެ. ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާއިރު އޭނައަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެ މީހާގެ 60 ޕަސެންޓު ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.