މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 9 އޭޕްރީލް 2026 ގައެވެ. މި މައްސަލައަކީ 11 ޖެނުއަރީ 2026 ވަނަ ދުވަހު މާލެއާއި ގއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެއްގެ މައްސަލައެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގއ. ވިލިނގިލީގެ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ:
- ޝައްފާހް ލަތީފް (28އ)، ޝެވޯނާ / ގއ. ވިލިނގިލި
- އަހުމަދު މަދީހު (33އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހީމް (30އ)، އައިޒަން / ގއ. ވިލިނގިލި
- ނޫރުއްނިޒާމް (35އ)، އަރާއިރުގެ / ގއ. ވިލިނގިލި
މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންނަކީވެސް މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ބައެކެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ރާއްޖޭގައި ހިންގާ ކުށްތައް މަދުކުރުމަށާއި އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު އޮޕަރޭޝަނެކެވެ.
