ލުބުނާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން އިއްޔެ ދިން ރަޙުމުކުޑަ އުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިޒްރޭލުން ބުދަ ދުވަހު ދިން މި ހަމަލާތަކުގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލި، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ މި ފާޅުކަން ބޮޑު އަމަލުތަކަކީ މެދުއިރުމަތީގައި ދާއިމީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލާނެ ކަމެއްކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިބަޔާނުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ އިޒްރޭލުން ކެނޑިނޭޅި ހިލާފުވަމުންދާތީ، އެކަމަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ. އެގޮތުން، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ފަސްޖެހުމެއްނެތި، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން ސަރުކާރުގެ ބަޔާނުގައި ކަށަވަރުކޮށްދީފައިވެއެވެ. އަދި ލުބުނާނުގެ މިނިވަންކަމާއި، ސިޔާދަތާއި، ސަލާމަތްތެރިކަމުގެ އިތުރުން އެ ގައުމުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަންވެސް ވަނީ ހާމަކޮށްފައެވެ.

ފަހަކަށް އައިސް އިޒްރޭލުން މެދުއިރުމަތީގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ދިވެހިރާއްޖެއިން އަންނަނީ މެދުކެނޑުމެއްނެތި ކުށްވެރިކުރަމުންނެވެ. ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދިވެހިރާއްޖެއިން ވަނީ އިޒްރޭލުގެ ޕާސްޕޯޓުވެސް މަނާކޮށްފައެވެ. ސަރުކާރުން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ މެދުއިރުމަތީގެ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައި، އަނިޔާވެރިކަން ހުއްޓުވުމަށެވެ.