ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ މީހަކު 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ 7 ވަނަ ދުވަހު ހުކުމް އިއްވާފައިވަނީ ސ. ފޭދޫ، ޝީރާޒީގެ، އަލީ ސާއިމް (32އ)ގެ މައްޗަށެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ އޮގަސްޓް 19، 2024 ވަނަ ދުވަހު ކަމަށެވެ. ފުލުހުން އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކުރިއިރު އެގޭގެ އެކި ތަންތަނުގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޮކްޓޯބަރު 16، 2024 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ގާނޫނީ ކުށަށް ކަނޑައަޅާފައިވާ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާ އާއި 100،000،000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމެވެ. އެހެންނަމަވެސް ސާއިމް އާއި އެކުވެފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާގެ ޖަލު ހުކުމާއި ޖޫރިމަނާ ވަނީ ލުއިކޮށްދީފައެވެ.

ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.