ފާއިތުވި ހަފުތާގައި މާލެއާއި، ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނޭގޮތަށް ޖުމުލަ 56 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 22 އިން 28 އަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭގައި އެކަނި ވެސް 49 އެކްސިޑެންޓް ހިނގާފައިވެއެވެ. އެ ހަފްތާގެ ވަކިވަކި ދުވަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ މާް=ޗް 25 ވަނަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް 13 އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރޭގައި ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓާއި ދެ ސައިކަލު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓް ހިމެނެއެވެ. މީގެ ތެރޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ހަތް މައްސަލައެއް ވެސް ހިމެނެއެވެ.
އެކްސިޑެންޓްތަކުގައި 56 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި ހިމެނޭ ބައެއް އުޅަނދުތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްގަމު އުޅަނދު ދުއްވުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
