ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފައިފިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އަލީ ޒުހައިރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި 2،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ މާލެ ސަރަޙައްދުން ބޭރުގައި އެޗްޑީސީން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.
ޒުހައިރު ވިދާޅުވީ އެޗްޑީސީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެއް ކަމަށެވެ. ހާއްސަކޮށް ހުޅުމާލެ ފަދަ ބިޔަ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމައި، އެތައް ހާސް ރައްޔިތުންނަކަށް އޯގާތެރި ބޯހިޔާވަހިކަމެއް ހޯދައިދިނުމުގައި ލިބިފައިވާ ފަންނީ ތަޖުރިބާ، މިހާރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު މަގްސަދު ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި، ރާއްޖޭގެ 10 ރަށެއްގައި ޖުމްލަ 3،960 ހައުސިން ޔުނިޓް ބިނާކުރުމަށް އެޗްޑީސީއާ ވަނީ ހަވާލުކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ މަޝްރޫއުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރެވޭނެއެވެ. މި އެޕާޓްމެންޓުތަކަކީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ތިން ކޮޓަރީގެ ޒަމާނީ ވަސީލަތްތައް ހިމެނޭ ތަންތަނެވެ.
މި މަޝްރޫއުގެ ދަށުން 1,856 މިކްސް ރެޒިޑެންޝަލް ފްލެޓްތަކުގެ އިތުރުން، އަމިއްލަ ގެދޮރު ތަރައްގީކުރުމަށް ބޭނުންވާ ފުރުސަތުތައްވެސް ފަހިވެގެންދާނެއެވެ. އެޗްޑީސީން ބުނީ މިއަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
