ކ. ކާށިދޫގައި، މީގެ 14 އަހަރު ކުރިން ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހުގެ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ނިންމައިފިއެވެ.

ޖުލައި 23، 2012 ގައި އާދަމް ހަލީމް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން 2013 ގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މެރުމަށް ހުކުމް ކުރިއެވެ. ސަމާހުގެ ފަރާތުން 2020 ވަނަ އަހަރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އަންގާފައިވަނީ ސަމާހުވެފައިވާ އިއުތިރާފަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭތީ، އިތުރު ހެކިތަކެއް ހުރިތޯ ބެލުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

އެ މައްސަލަ އަލުން ބެލުމަށް ފަހު، ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.