އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކުރި މި ހާއްސަ ހަރަކާތަކީ އޮސްޓްރިއަން އެއާލައިންސް އާއި އެ ކުންފުންޏާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. އަދި ވީއައިއޭގެ ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ބޮޑުބެރާ އެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ކުރާތާ މިވީ 30 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، މި ދިގު މުއްދަތުގެ ސަބަބުން ރާއްޖެއާއި އޮސްޓްރިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާއިން އޮތް އިތުބާރު ވަނީ ބޮޑުވެފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ނަމޫނާ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މަގުފަހިވެގެންދާނެއެވެ.
