މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފިއެވެ.
މިކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫއަކީ ޖުމްލަ 174.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، މަޑަވެއްޔަކީ އާބާދީ ބޮޑު، ނަމަވެސް ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި މިހާރު ކުރިއަށްދާ ކޯޒްވޭ މަޝްރޫއަށް އައި ބަދަލުތަކާއެކު 8.85 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިން އޮތީ ހަވާލު ކޮށްފައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިހާރު މި ހަވާލުކުރި 27 ހެކްޓަރާއެކު ޖުމްލަ 35 ހެކްޓަރުގެ ބިން މަޑަވެލީ ފަޅުން ހިއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި، އަދި ކުރިމަގުގައި އިތުރަށް ބިން ހިއްކުމަށް ވެސް ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްއެވެ.
މަޑަވެލީގައި ބޭއްވި މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް، މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ހަސަން އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
