ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް އަންޑާ 20 ޗެމްޕިއަންޝިޕް 2026 އިން ރާއްޖޭގެ ގައުމީ ޓީމު ކަޓައިފިއެވެ. ރާއްޖެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖްގައި މިއަދު ކުޅުނު ފަހު މެޗުން ނޭޕާލް އަތުން 1-1 އިން އެއްވަރުވުމުންނެވެ.
މުބާރާތުގައި ކުރިން ކުޅުނު ދެމެޗުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މޮޅެއް ނުލިބި ގްރޫޕްގެ ފަހު މެޗުން ރާއްޖެ އޮތީ މޮޅުވާން މަޖްބޫރުވެފައެވެ. މިވިސްނުމާއެކު ކުޅެ ނޭޕާލް ކޮޅަށް ލަނޑެއް ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި ރާއްޖެއަށް މިލަނޑު ކާމިޔާބުކޮށް ދިނީ ކެޕްޓަން އިލާން އިމްރާންއެވެ.
މިއީ މިމުބާރާތުގައި އޭނާ ޓީމަށް ޖަހާ ދިން ތިން ވަނަ ލަނޑެވެ.
މިމެޗުގެ 86 ވަނަ މިނެޓާ ހަމައަށް ވެސް ރާއްޖެ އޮތީ ސެމީގެ ޖާގައެއްގައި އަތް ޖެހާ ހިސާބަށް ކައިރީގައެވެ. އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް ނޭޕާލްއިން ނަތީޖާ އެއްވަރުކުރުމާއެކު 1-1 އިން މެޗު ނިމުމުން ރާއްޖެ މިވަނީ މުބާރާތުން ކަޓާފައެވެ.
މި ނަތީޖާއާއެކު ނޭޕާލްއަށް ގްރޫޕް އޭގެ އެއްވަނަ ލިބުނު އިރު ދެން ގްރޫޕުން ސެމީއަށް ދާނެ ޓީމެއް ކަށަވަރުވާނީ ސްރީލަންކާއާ ބޫޓާން ކުޅޭ މެޗަށް ފަހުއެވެ.
