ސިނަމާލެ ބްރިޖުގެ މާލެއާވީ ފަޅިން ގޮނޑުދޮށުގައި، އެ ބިނާގެ ތަނބުތަކުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުން މިއަދު އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަކުން ބްރިޖު ދަށުގައި ބަޔަކު ނިދައި، ދިރިއުޅުމުގެ ކަންކަން ބަހައްޓާފައި ހުރި މަންޒަރު ފެނުމުންނެވެ. ފުލުހުން މިއަދު ބުނީ، އެ ސަރަހައްދު ބަލައި ފާސްކުރިއިރު ބަޔަކު އެތަން ބޭނުންކުރަމުންދާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބްރިޖުގެ ތަނބުތަކުގެ ދަށުގައި ކުނަލާއި ސަތަރި އަޅައިގެން ބައެއް ބިދޭސީން ނިދާފައި ތިބެއެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައި އޮތުމުގެ ސަބަބުން ތަނުގެ ސާފުތާހިރުކަން ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވެސް އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކޮށް ޑީޕޯޓްކުރުމާއި، ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެއްކުރުމަށް ހިންގާ "ކުރަނގި" އޮޕަރޭޝަން ހިމެނެއެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި ނުވަތަ އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަން ފާހަގަކުރެވޭ ނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.