ސަރުކާރު އަންހެން މުވައްޒަފުން ވިހެއުމުން ދޭ 6 މަސް ދުވަހުގެ ޗުއްޓީ ނަގައިފި ނަމަ ޕްރޮމޯޝަން ނުދެވޭ ގޮތަކަށް އޮންނަ އުސޫލު ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު މަރިޔަމް ޝިފާނާ ހުސައިން، މއ. ފޭރުގެ ހުށަހެޅި އީޕެޓިޝަންގައި ބުނެފައި ވަނި ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ މުއްދަތުގައި މަސައްކަތްކޮށްފައިވާ މުއްދަތު، 90 ދުވަހަށްވުރެ ކުރުނަމަ ޕީއޭގައި ޕްރޮމޯޝަންދިނުމަށް މާކްސް ނުގުނާގޮތަށް އޮންނަ ކަމަށެވެ. އަދި އެ އުސޫލުގެ ސަބަބުން، ވިހެއުމާއި ގުޅިގެން 6 މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީނަގާ މުވައްޒަފުންގެ ހައްގުތަށް ގެއްލެމުންދާ ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އެކަމަކު މި ޗުއްޓީއަކީ އަންހެނުން ބާރުވެރިކުރުވުމާއި އާއިލީ ދުޅަހެޔޮކަމަށް ދެވޭ ވަރަށް މުހިންމު ޗުއްޓީއެއް ނަމަވެސް، މިފަދައިން މެދުވެރިވާ ނަމަ މިޗުއްޓީގެ ފުރިހަމަ މަގްސަދު ހާސިލްކުރުމަށް ގޮންޖެހުންތައް ކުރިމަތިވެ މަސައްކަތުގެ މާހައުލުގައި އުޅޭ މައިންނަށް މާޔޫސްކަން ކުރިމަތިވާނެ ކަމަށް ވެސް ޕެޓިޝަނުގައި ވެއެވެ.
އެހެންކަމުން އެއް ހައްގު ލިބިދެވޭ ހިނދު އަނެއް ހައްގަށް އުނިވާގޮތަށް އޮތް އޮތުން ހައްލުވެ ވިހެއުމާއި ގުޅިގެން 6 މަސް ދުވަހުގެ ޗުއްޓީނަގާ އަންހެން މުވައްޒަފުންގެ ޕްރޮމޯޝަން ނުދީ ހުރި ހާލަތްތަށްބަލައި ޕްރޮމޯޝަން ވީ އެންމެ އަވަހަކަށް ހަމަޖައްސާދިނުމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ. މި ޕެޓިޝަނަށް މިހާރުވެސް 900 އަށްވުރެ ގިނަ ސޮއި ލިބިފައިވާއިރު ޕެޓިޝަނަކަށް ސޮއި ހަމަކުރަން 6 ހަފްތާގެ މުއްދަތެއް ލިބެއެވެ.
މި މަހުގެ އަށް ވަނަ ދުވަހު އަމަލުކުރަން ފެށި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށް ގެންދާނީ މަދުވެގެން 500 ސޮއިކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުންނެވެ. އަދި މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނައިރު 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް އިސްކަން ދޭން ޖެހޭ މައްސަލައެއް ގޮތުގައި ކުރިއަށް ގެންދަން ޖެހޭނެއެވެ.
މީގެ ކުރިންނަމަ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ނަމަ ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ މަޖިލިސް މެންބަރެއް މެދުވެރިކޮށެވެ.
