ރަށްތަކާއި ސިޓީތައް ތަރައްގީ ކުރެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހު ސިޓީތަކާއި ރަށްތަކަށްވެސް ކުރިއެރުން ލިބޭނީ ސަރުކާރަށް ތާއީދުކޮށްގެން ކަމަށެވެ.

އަދި އެ ވޯޓު ނުދިން ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ ބާރު އޮތީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގައިކަން ފާހަގަކޮށް ގާސިމް އިތުރަށް ވިދާޅުވީ އެ ވޯޓު ނުދީފިނަމަ ސަރުކާރުގެ ވެރިންނާ ވާހަކަ ދެއްކުން ހުއްޓުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށެވެ.

"އެ ސިޓީތަކަށް ވެސް ކުރިއެރުން ލިބޭނީ އެ ސިޓީތަކުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ކާމިޔާބު ކުރެވޭނީ ޕީއެންސީ، މިއަދު ވެރިކަމުގައި އޮތް ފަރާތުގެ މެމްބަރުން ރައީސްކަމަށް ވިޔަސް އެ ތަނުގެ މެޖޯރިޓީ ލިބޭނެ ގޮތަށް ހޮވިގެން. އެ މީހުން ދެކޮޅަށް ޖެއްސީމާ ކިހިނެއް ވާނީ؟ ސަރުކާރުން އެ މީހުންނަށް ކަމެއް ކޮށްދޭން ބޭނުންވާނެ؟"
ސުވާލު އުފައްދަމުން ގާސިމް ވިދާޅުވި

ސަރުކާރުގެ ވިސްނުމާ ތަފާތު ބަޔަކަށް ކައުންސިލްތައް ދީފި ނަމަ ތަަރައްގީ ހުއްޓެން މެދުވެރިވާއިރު ބާކީ އަދި ދެ އަހަރަށް ވުރެ ގިނަ ދުވަސް އޮތް އިރު އެއީ ވިސްނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ލޯކަލް އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގާސިމް ވަނީ ގައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ނުހަދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި ގާނޫނުއަސާސީ އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި އެ ހިދުމަތް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެ ހަ މަސްދުވަސްވެސް އެއިރެއްގައި ހުންނަ ރައީސަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.