ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރިކަމަށް، އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކެމްޕެއިން ކުރަމުން އަންނައިރު އަކްރަމް ކުރެއްވި ޕޯސްޓެއްގައިވަނީ އެއް ދުވަހެއްގައި އިންތިހާބު ބޭއްވުމުން ލިބޭނެ ފައިދާތައް ހިއްސާކޮށްފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެންޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުމުން ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުން ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެކަމަށެވެ.

މީގެ އިތުރުން އޭނާ ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެ ކަމަށެވެ. އަދި ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ އޭގެ ސަބަބުން އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވެގެން ދާނެކަމަށެވެ.

އިތުރަށް އަކްރަމް ވިދާޅުވީ އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެން ދާނެކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރާ ކަމަށެވެ.