ކެއުން ބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެ، އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވި މައްސަލައަކާ ގުޅިގެން ކުއްޖާގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަންސް އޮފީހުން އިލްތިމާސްކޮށްފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ކުއްޖާ ނިޔާވި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ. ކުއްޖާ ނިޔާވުމާ ގުޅިގެން އާންމު ފަރާތްތަކުންނާ ބައެއް ނޫސްތަކުގައި ކުއްޖާގެ މައިންބަފައިންގެ ހުއްދަނެތި ކުއްޖާގެ ޒާތީ މައުލޫމާތާ ފޮޓޯ ބޭނުންކޮށް ތަފާތު ވާހަކަތައް ފަތުރަމުންދާކަމަށާއި އަދި ސިޔާސީ ބޭނުމަށްވެސް ކުއްޖާގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.

މިއީ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއްކަން ފާހަގަކޮށް އެ އޮފީހުން ވަނީ ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ ހިތާމައިގައި ކުއްޖާގެ ކަރާމާތައް އުނިކަން އަންނަ ފަދަ ޒާތީ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ކަމަށްވާއިރު ސައުދު ވަނީ ކުއްޖާގެ މަންމަ ހިއްސާކުރި ޕޯސްޓެއްގެ ސްކްރީންޝޮޓުވެސް ހިއްސާކޮށްފައެވެ. އެގޮތުން ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ ވަނީ ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ އަޒާނަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށްކަމަށާއި، އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން 8 މަސްވިއިރު ވެސް ނުލިބުނު ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ވަނީ އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް ކަމަށާއި، ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައި ރާއްޖެ ގެނައި ކަމަށް ސައުދު ވަނީ ބުނެފައެވެ.

ނަމަވެސް ޓިއުބް ހަވާލުކުރުމަށް ކުއްޖާގެ މަންމައަށް ގުޅިއިރު ކުއްޖާ އޮތީ އައިޖީއެމްއެޗުގައި މަރުގެ ތުންފަތްމަތީގައި ކަމަށާއި، މިހާރު މާ ބޮޑަށް ލަސްވެ ވަގުތު ފާއިތުވެފައިވާކަމަށް ކުއްޖާގެ މަންމަ ބުނިކަމަށް ސައުދު ވަނީ ބުނެފައެވެ.

މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އިންތިހާއަށް އޮތް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ހެލްތު މިނިސްޓްރީން ވަނީ ކުއްޖަކު މަރުވި މައްސަލަ އެ މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.