ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރިފަރެންޑަމްއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަމުންދާތީ، އެކަން ހުއްޓާލުމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ގޮވާލައްވައިފިއެވެ.
ޑރ. ޒުލްފާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިފަރެންޑަމްއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި، ގާނޫނު ނަންބަރު 15/2025 ގައިވާ އިޖުރާއީ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބާވެފައިވާ ކަމަށެވެ. އަދި އެ ގަރާރާއެކު، ފާހަގަކޮށްލެވޭ ހުރިހާ މުހިންމު ނުކުތާތަކެއް ތަފްސީލުކޮށްދޭ ފުރިހަމަ މެމޯއެއް އެޓޭޗްކުރެވިފައި ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ރައްދު ދެއްވަމުން ޑރ. ޒުލްފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަކީ އަދިވެސް 5 އަހަރު ކަމަށާއި، ގާނޫނު އަސާސީގައިވާ އެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މި ރިފަރެންޑަމްގެ ބޭނުމަކީ ހަމައެކަނި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން ކަމަށާއި، ރިފަރެންޑަމްގައި އަހާ ސުވާލުގެ ބަސްމަގު ހުރީ ގާނޫނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ނެރުއްވި ގަރާރާ ގުޅޭ މެމޯއަކީ އާންމުކޮށް ކޮންމެ މީހަކަށްވެސް ފެންނަން އޮތް، ކިޔާލެވޭނެ އެއްޗެއް ކަމަށެވެ. އެހެންކަމުން، ކަންކަން ސާފުކުރަން އޮތް ފުރުސަތުގެ ބޭނުން ހިފުމަށާއި، އާންމުންގެ މެދުގައި އޮޅުންބޮޅުން އުފެއްދުން ހުއްޓާލަންޖެހޭ ކަމަށް ޑރ. ޒުލްފާގެ ޕޯސްޓުގައި ބަޔާން ކުރައްވާފައި ވެއެވެ.
ޑރ. ޒުލްފާ މިފަދައިން ވިދާޅުވެފައިވަނީ، ރިފަރެންޑަމްއާ ގުޅޭގޮތުން އިދިކޮޅު ބައެއް ފަރާތްތަކުންނާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދެކެވެމުންދާ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިފަރެންޑަމްއާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިރުޝާދު ދެއްވާފައެވެ.
