ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ފެށި "އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލި ގާތްގަނޑަކަށް 10،000 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކާ ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ޝަރީފް ވިދާޅުވީ ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000ރުފިޔާއާއި 30،000ރުފިޔާއާ ދެމެދުގައި ކަމަށާއި، އަދި މިހާރު ކުރަމުންދާ ހިސާބުތަކަށް ބަލާއިރު ބީއެމްއެލް އިން ތައާރަފް ކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 10،000 އެއްހާ ރުފިޔާއަށް ހަމަޖެހިގެން ދާނެކަަމަށް ލަފާކުރެވޭކަމަށެވެ. މިއީ މިހާރުގެ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޖުމްލަ 1,224 ހައުސިންގ ޔުނިޓު ހިމެނޭ މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗު) ގެ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބީއެމްއެލްގެ އަމާޒަކީ މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމައި 2028 ވަނަ އަހަރުގެ މެދުތެރޭގައި ރައްޔިތުންނަށް ހަވާލުކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ.
