ވައިގެ މަހުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2 ކިލޯ އަށްވުރެއް ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އެތަކެތީގެ ބަރުދަނުގައި 2080 ގްރާމް ހުރި ކަމަށާއި، އަދި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމައިންކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު މިމަހުގެ 3 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފައިވެއެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް ވައިގެ މަގުން އެތެރެކުރަން އުަޅުނު 2.2 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ. ހަމައެއާކު މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަނޑު މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ. އެގޮތުން އެ ފަހަރު 36.43 ކިލޯގެ މަސްތުވާތެކެތި އަތުލައިގެންފައި ވެއެވެ.
