ރޭ މާފަންނުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ 15 ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރު (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއިން ބުނީ، 15 ގެއަކުން 454 މީހަކު އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ.
މީގެ ތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭއިރު ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މައުލޫމާތު ދެއެވެ. އަދި ހަމަ އެހެންމެ 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ހަވާލުވެފައިވާކަން ފާހަގަކޮށް ޑިޒާސްޓާއިން ބުނީ، 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާކަމަށާއި 15 ގެއިން މީހުން ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށް ވެއެވެ. އަދި މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވުނުއިރު މި ހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް ކަމަށް އެންޑީއެމްއިން މައުލޫމާތު ދެއެވެ.
މި މީހުން ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގެ އިވެކުއޭޝަން ސެންޓަރަށްކަން ފާހަގަކޮށް އެންޑީއެމްއިން ބުނީ، އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން ދިރިއުޅޭ ތަނުން ނުކުންނަން ޖެހުނު މީހުން ކަމަށެވެ.
ރޯވި ގުދަނަކީ ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް އެނގިފައި ނުވާއިރު މިއީ އިއްޔެ ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. ފުރަތަމަ ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:00 ޖަހާކަށްހާއިރު ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާއިރު އެއީ މީހުން ދިރިނޫޅޭ ގެއެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
