އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައި ވާކަމަށް ބުނެ އީރާނާ ގުޅުން އޮންނަ ޕްލެޓްފޯމްތަކުގައި ފަތުރަމުން ދިޔަ ހަބަރުތައް ދޮގު ކުރަން ނަތަންޔާހޫ ކޮފީ ބޯ މަންޒަރެއް އާންމު ކޮށްފިއެވެ.
އޭނާ މަރުވެފައި ވާކަމަށް ހަބަރުފަތުރަމުން ދިޔަ ވަގުތަކީ އީރާނުގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލުގެ މެދުތެރެއަށް އަމާޒުވަމުން ދިޔަ ވަގުތެކެވެ. އެހަމަލާތަކުގައި ނަތަންޔާހޫގެ އިތުރުން އަސްކަރިއްޔާގެ ބައެއް ވެރިންވެސް މަރުވި ކަމަށް ބުނެ ހަބަރުތައް ފެތުރެމުން ދިޔައެވެ. އެ ހަބަރުތައް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުންވެސް ރިޕޯޓު ކުރުމާއެކު އިޒްރޭލުގެ ތެރޭގައި ވެސް އޭނާގެ މަރާމެދު އެތައްބަޔަކު ސުވާލު ކުރަން ފެށިއެވެ.
އެހުރިހާ ވާހަކައެއް ދެކެވެމުން ދިޔަ އިރު ނަތަންޔާހޫ ޓީވީއަކުންވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް ހުސްވި ހަފްތާގައި އޭނާ ވަނީ ޓީވީ މެދުވެރިކޮށް މެސެޖެއް އާންމުކޮށް ވަރުގަދަ ހަމަލާތައް ދޭނެ ކަމަށް ބުނެއެވެ. އެވީޑިއޯ އާންމު ވުމާއެކު ސޯޝަލްމީޑިއާ ފުރާލީ އެ ވީޑިއޯގައި ނަތްނަޔާހޫގެ އަތުގައި 6 އިނގިއްޔެއް ހުރިކަމަށް ފާހަގަ ކޮށް ހަދަމުން ދިޔަ ސްކްރީންޝޮޓްތަކުންނެވެ. އެއާއެކު އެއީ އޭއައި ބޭނުންކޮށްގެން ހަދާފައި ވާ ވީޑިއޯއެއް ކަމަށް ބުނެ އެތައް ބަޔަކު ހުއްޖަތް ދައްކަމުން ގެންދިޔައެވެ.
އޭގެ ދުވަސްކޮޅެއްގެ ފަހުން އިއްޔެ، ނަތަންޔާހޫ ވަނީ ކެފޭއެއްގެ ތެރޭގައި ހުރެ ކޮޕީތައްޓެއް ނަގާ އަނގައިގައި ޖަހަމުން އޭނާގެ ދެއަތް ދައްކައި ކޮންމެ އަތެއްގައި 5 އިނގިލި ހުރިކަމަށް ބުނެ ޖޯކު ޖަހާފައެވެ. އަދި މިވަގުތުވެސް އީރާނަށާއި ލުބުނާނަށް ވަރުދަގަ ހަމަލާތައް ދެމުން ގެންދާ ކަމަށާއި އަދިވެސް ވަރުގަދަ ކުރާނެކަމުގެ އިންޒާރު އޭނާ ދެއެވެ.
