މީގެ ތިން އަހަރު ކުރިން، ވިލިމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހަކު 7 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ. ފެބުރުއަރީ 14، 2023 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ހާއިރު، މާލޭގެ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހިނގި މާރާމާރީ އާ ގުޅިގެން ޝަފީގު ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާ، ނުރައްކާތެރި ހަތިޔާރާ، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެންމެ ފުރަތަމަ ޝަފީގު ވަނީ އެ ކުށަށް އިންކާރުކޮށް، އޭނާގެ ފަރާތުން ވެސް ދިފާއި ފަސް ހެއްކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މައްސަލައިގެ ހުލާސާ ބަޔާން ނެގުމުގެ މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ ލުއި އަދަބެއް ދިނުމަށް އެދިފައެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް, މި މައްސަލައިގައި ޝަފީގު ބަންދުކޮށްފައި ހުރި ތިން އަހަރު، ހުކުމުން އުނިކުރުމުން ދެން އޭނާ ޖަލުގައި ހުންނަން ޖެހޭނީ ހަތަރު އަހަރަށެވެ.
