ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ހޯދަން އާމުންގެ އެހީއަށް ފުލުހުން އެދެފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:41 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ
މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވާކަމަށާއި، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިންގް ޕާސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މިހެންކަމުން މި މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭނަމަވެސް، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ މީހާގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ
